ހަންގޭރީގެ ހޮސްޕިޓަލެއްގެ މުވައްޒަފަކު މަހާނަތަކުން މިނި ކަށި ނަގައި، އެތަކެތި ކެއިކަމަށް އެއްބަސްވެއްޖެ

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި، ހޮސްޕިޓަލެއްގައި މަސައްކަތްކުރާ 30 އަހަރުގެ މީހަކު، މަހާނަތަކުންނާއި އޭނާ މަސައްކަތްކުރާ ހޮސްޕިޓަލުން އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވަގަށް ނެގި މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

ޖޫން 17 ވަނަ ދުވަހު ހައްޔަރުކުރި މި މީހާގެ ގެއިން، އިންސާނުންގެ ގުނަވަންތަކާއި، ފަޔާއި، އަތް އަދި މޫނުގެ ހަމުން ތައްޔާރުކޮށްފައިވާ މޫނެއް ވެސް ފެނިފައިވެއެވެ. މީގެ އިތުރުން، އޭނާގެ ގެއިން ފެނުނު ދަބަހެއްގެ ތެރޭގައި ގިނަ އަދަދެއްގެ މިނި ކަށިތަކާއި، ފުޅިއެއްގެ ތެރޭގައި އޮތް އިންސާނެއްގެ ހިތެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މީހާ ވަނީ މައްޔިތުންގެ ހަށިގަނޑުގެ ބައިތައް އެއްކޮށް، އެއިން ކާނާ ތައްޔާރުކޮށް ކައިފައިވާކަމަށް ތަހުގީގުގައި އިއުތިރާފުވެފައެވެ. އޭނާގެ ކޮމްޕިއުޓަރާއި އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭނާގެ މި އަމަލުތަކަކީ އެނަޓޮމީ އާއި ޕެތޮލޮޖީއަށް އޭނާ ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން ކުރި ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

މި މީހާ މިކަންކަން ކޮށްފައިވަނީ ހަންގޭރީ އާއި ސްލޮވޭކިއާގެ ފަޅު ގަބުރަސްތާނުތަކުން މިނިކަށައި ނަގައިގެންނެވެ. ފުލުހުން މިހާރު ދަނީ ފޮރެންސިކް ތަހުގީގެއް މެދުވެރިކޮށް ފެނުނު ހަށިގަނޑުގެ ބައިތަކަކީ ކޮންތަނަކުން ނަގާފައިވާ އެއްޗެހިތަކެއްތޯ ބަލަމުންނެވެ. މި މައްސަލައާ ގުޅިގެން ކުރާ ތުހުމަތުތައް އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!