އިސްރާއީލުން އެބޯލާ ވައިރަހުގެ ފުރަތަމަ ކޭސް ފެނިއްޖެ

އިސްރާއީލުގެ ހެލްތު މިނިސްޓްރީން އެ ޤައުމުން އެބޯލާ ވައިރަހުގެ އަސަރު ފެނުނު ކަމަށް ޝައްކުކުރެވޭ ފުރަތަމަ ޔަހޫދީ ރައްޔިތަކު ފެނިފައިވާ ކަމަށް އިއުލާންކޮށްފިއެވެ. މި މީހާއަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެނބުރި އައި މީހެކެވެ.

މި ބަލީގެ އަލާމާތްތައް ކަމަށްވާ ހުން އައުމާއި ބޮލުގައި ރިހުން ފެނުމުން، އެ މީހާ ވަނީ ސިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގޮސްފައެވެ. މިހާރު އެ މީހާއަށް ފަރުވާ ދެމުންދަނީ ހައިފާގައި ހުންނަ ރަމްބާމް ހޮސްޕިޓަލުގެ ވަރަށް ޚާއްސަ އައިސޮލޭޝަން ޔުނިޓެއްގައި ކަމަށާއި، ލޭގެ ޓެސްޓުތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެފްރިކަން ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ހާމަކުރާ ގޮތުގައި، މިދިޔަ މެއި މަހު ކޮންގޯގައި މި ބަލި ފެތުރެން ފެށި ފަހުން މިހާތަނަށް 875 މީހަކަށް މި ބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން 202 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ހިއްސާ ކުރައްވާ!