އީރާނުގެ ބަޣާވާތަށް އެހީވުމަށް ޔަހޫދީން 'ސްޓާލިންކް' ސަޕްލައިކުރި ކަމަށް އިއުތިރާފުވެއްޖެ

އީރާނުގެ ސަރުކާރާ ދެކޮޅަށް ބަޣާަވާތް ކުރުމަށް މުޒާހަރާކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، އެ ޤައުމަށް ސިއްރުން 'ސްޓާލިންކް' އިންޓަނެޓް އާލާތްތައް ސަޕްލައިކޮށްދިން ކަމަށް ޔަހޫދީ ރެޖީމްގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނެފިއެވެ. އިސްރޭލުގައި ބޭއްވި ބައިނަލްއަޤްވާމީ ސިޔާސީ ސަމިޓެއްގައި ވާހަކަ ދައްކަމުން ބެނެޓް ބުނީ، އޭނާ ބޮޑުވަޒީރުކަމުގައި ހުރި އިރު (2021-2022)، ވެސް އެތައް ހާސް ސްޓާލިންކް އާލާތެއް ގަނެ، ސިއްރުން އީރާނަށް ވައްދާފައި ވާނެ ކަމަށެވެ.

ބެނެޓް ބުނީ މި އާލާތްތައް ފޮނުވުމުގެ މައިގަނޑު މަޤްޞަދަކީ، އީރާނުގެ އާންމުންނަށް އިންޓަނެޓްގެ ޚިދުމަތް ވަގަށް ލިބޭނެ މަގުފަހިކޮށްދީ، ބަޣާވާތަށް ތައްޔާރުކޮށް މުޒާހަރާކުރާ ފަރާތްތަކަށް އެކަކު އަނެކަކާ ގުޅިގެން ހަރަކާތްތެރިވެ، އީރާނުގެ ވެރިކަން ވައްޓާލުމަށް މަގުފަހިކުރުމެވެ.

އޭނާ މި ވާހަކަ ހާމަ ކުރީ އިސްރާއީލުގެ އިންތިޚާބުގައި ވޯޓު ހޯދުމުގެ ގޮތުން މެޑަލް ޖަހާށެވެ! ބެނެޓް ވަނީ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަށް ފާޑުކިޔާފައެވެ. އޭނާ ބުނީ މިހާރުގެ ސަރުކާރުން ސްޓާލިންކ ސަޕްލައި ކުރުން ހުއްޓާލާފައިވާ ކަމަށާއި، އޭގެ ސަބަބުން މި ފަހުން އީރާނުގައި ހިނގި މުޒާހަރާތަކުގެ ވަގުތުގައި އެ އިންޓަނެޓް ލިބޭ ގޮތްވެފައި ނެތް ކަމަށެވެ.

އީރާނުގެ ސަރުކާރުން މީގެ ކުރިން ވެސް އިސްރާއީލާއި އެމެރިކާއަށް ތުހުމަތުކޮށްފައިވަނީ، ޤައުމުގެ ސަލާމަތަށް ގެއްލުންދިނުމަށްޓަކައި ސިއްރުން މިފަދަ އާލާތްތައް އެތެރެކުރާ ކަމަށެވެ. އެލަން މަސްކްގެ 'ސްޓާލިންކް' އަކީ އީރާނުގައި ރަސްމީކޮށް ހުއްދަ ލިބިފައިވާ ޚިދުމަތެއް ނޫނެވެ. އީރާނުން ވަނީ ހަނގުރާމައިގައި މަސްކުގެ އޮފީސްތަކަށް މި ކަމާ ގުޅިގެން ހަމަލަ ދީފައެވެ.

މި ސަމިޓުގައި ބެނެޓް އިތުރަށް ބުނީ އީރާނުގެ ވެރިކަން ވައްޓާލުމަށްޓަކައި އިސްރާއީލާއި މެދުއިރުމަތީގެ އެހެން ޤައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އޭނާ ހުރީ ވެރިކަމަށް އައިސްފިނަމަ ތައްްޔާރަށް ކަމަށެވެ.

ހިއްސާ ކުރައްވާ!