ޓްރަމްޕާއި ޔޫއޭއީގެ ޝާހީއާއިލާގެ މާލީ މުއާމަލާތްތަކަށް ކޮރަޕްޝަންއޭ ނުކިޔެނީ ކީއްވެ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައުލާދުންނާ ގުޅުންހުރި ކްރިޕްޓޯ ވިޔަފާރި "ވޯލްޑް ލިބަޓީ ފައިނޭންޝަލް" އަށް ޔޫއޭއީގެ އިސް އަމީރު ޝެއިޚަކު އިސްވެ ހުންނަވާ ގްރޫޕަކުން 500 މިލިއަން ޑޮލަރު އިންވެސްޓްކުރި މައްސަލަ ތަހުގީގުކުރުމަށް ސެނެޓްގެ އިސް ޑިމޮކްރެޓުން ގޮވާލައިފިއެވެ.

ޓްރަމްޕްގެ އާއިލާ އާއި އެމެރިކާގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ނިއުޔޯކުގެ ކޮންޓްރެކްޓަރު ސްޓީވް ވިޓްކޮފް އިސްވެ އުފެއްދި "ވޯލްޑް ލިބަޓީ ފައިނޭންޝަލް" ގެ 49 ޕަސެންޓް ހިއްސާ، ޔޫއޭއީގެ ރައީސްގެ ކޮއްކޯ އަދި އެ ޤައުމުގެ ޖާސޫސީ އިދާރާތަކުގެ ވެރިޔާ ޝެއިޚް ތަހްނޫން ބިން ޒާއިދު އާލަނަހްޔާން އިސްވެ ހުންނަވާ ގްރޫޕަކަށް ވިއްކާލާފައިވެއެވެ.

ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ހަތަރު ދުވަސް ކުރިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ޓްރަމްޕްގެ އާއިލީ ވިޔަފާރިތަކަށް މަދުވެގެން 187 މިލިއަން ޑޮލަރު، އަދި ވިޓްކޮފްގެ އާއިލާއާ ގުޅުންހުރި ވިޔަފާރިތަކަށް 31 މިލިއަން ޑޮލަރު މި މުއާމަލާތުން ލިބިފައިވާކަމަށް ލިޔެކިޔުންތަކުން ދައްކައެވެ.

މި އިންވެސްޓްމަންޓުގެ ފައިސާ ޓްރަމްޕްގެ އައުލާދަށް ލިބުމަށް ފަހު، ކުރިން ބައިޑަންގެ ސަރުކާރުން ކުރިން ހުއްޓުވާފައި އޮތް ޔޫއޭއީއަށް އޭއައިގައި ބޭނުން ކުރާ ކޮމްޕިއުޓަރ ޗިޕް ވިއްކުން މަނާ ކުރާ ގަރާރު ޓްރަމްޕްގެ ސަރުކާރުން ވަނީ އުވާލާފައެވެ.

އެމެރިކާގެ ސިޔާސީ ނިޒާމުގައި "ކޮރަޕްޝަން" ސިފަނުކުރެވޭ ގޮތް

އެމެރިކާގެ ސިޔާސީ ނިޒާމުގައި ކޮރަޕްޝަން ފަދަ އަމަލުތައް ސީދާ އެ ނަމުން ނުގޮވޭ މައިގަނޑު ސަބަބަކީ އެފަދަ އަމަލުތައް ގިނަ ފަހަރަށް ޤާނޫނަށް ފައްތައިގެން ކުރެވޭ ގޮތަށް ހަމަޖެހިފައި އޮތުމެވެ.

  • ލޮބީ ކުރުން: ސިޔާސީ މަންފާއަށް ސިޔާސީ ފަރާތްތަކަށް ފަންޑުދިނުމާއި ކެމްޕޭނުތަކަށް އެހީވުމަކީ ޤާނޫނީ ހުއްދަ ކަމެކެވެ. ރިޝްވަތުގެ ކުށް ސާބިތުވާން ޖެހެނީ ވަކި ކަމެއް ކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ކަމަށް ސާބިތުކޮށްދޭން ޖެހޭތީ، އެކަން ކުރުމަކީ އެމެރިކަގެ ނިޒާމުގައި އިންތިހާއަށް އުނދަގޫ ކަމެކެވެ.
  • ނުފޫޒު ފޯރުވުން: މަޤާމުތަކުގައި ތިބޭ މީހުންނާއި ކުރީގެ އޮފިޝަލުން ވެރިކަމުގެ ނިޒާމުގައި ތިބޭ މީހުންނާއި އެމީހުންގެ ގުޅުންތައް ބޭނުންކޮށްގެން އަމިއްލަ ފައިދާތައް ހޯދުމަކީ އެމެރިކާގައި ގިނަ ފަހަރަށް ޤާނޫނީ ކުށެއް ނޫނެވެ.
  • އެނބުރޭ ދޮރުގެ ސިޔާސަތު: ސަރުކާރުގެ މަޤާމުތަކުން ވަކިވުމަށްފަހު، ކުރިން އެ މަސްއޫލުވެރިން ބަލަހައްޓަމުން، ރެގިއުލޭޓް ކުރަމުން ދިޔަ ކުންފުނިތަކުގެ ބޯޑުތަކަށް ވަނުމާއި އެތަންތަނުން ކަންކަން ފަހިކޮށް ދިނުމަށް ލޮބީސްޓުންނަށް ވުމަކީ ގާނޫނީ ހުއްދަ ކަމެކެވެ. އަދި މިއީ ސަރުކާރުން އެހެން ހައިސިއްޔަތެއްގައި އުޅުމަށްފަހު އެހެން ހައިސިއްޔަތެއްގައި ސަރުކާރާ ގާތުގައި އުޅުމަށް އާންމުކޮށް ކުރާ ކަމެކެވެ.
  • ޝަރުޢީ ނިޒާމުގެ ބަސް: އެމެރިކާގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ ފައިސާއަކީ "ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ" ބައެއް ކަމަށެވެ. އެހެން ކަނޑައަޅާފައި އޮތުމުން، ސިޔާސީ ކަންކަމަށް ފައިސާ ޚަރަދު ކުރުމަކީ ޤާނޫނު އަސާސީން ލިބިދޭ ހައްޤެކެވެ.

ކުރުކޮށް ބުނާނަމަ، އެމެރިކާގައި އެކަންކަން "ކޮރަޕްޝަން" ކަމަށް ބުނުމުގެ ބަދަލުގައި، އެއީ "ސިޔާސީ ނުފޫޒު" ނުވަތަ "ލޮބީ ކުރުން" ކަމަށް ސިފަކުރެއެވެ.

ޑިމޮކްރެޓުންގެ ކަންބޮޑުވުން:

ސެނެޓްގެ 5 ކޮމިޓީއެއްގެ އިސް ޑިމޮކްރެޓުން މި މާލީ މުއާމަލާތާ ގުޅިގެން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މިއީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ފައިސާ ދީގެން ނާޖާއިޒު ފައިދާ ހޯދުމުގެ ސްކީމެއް ކަމަށެވެ. މިއަށް އެމެރިކާގައި ކިޔަނީ "ޕޭ ޓު ޕްލޭ" ގެ އުކުޅެވެ. އަދި ޓިކްޓޮކްގެ 15 ޕަސެންޓް ހިއްސާ ޔޫއޭއީގެ ޝެއިޚް ތަހްނޫންގެ ކުންފުންޏަކަށް ޓްރަމްޕްގެ ނުފޫޒުން ވިއްކުމާއި، ކްރިޕްޓޯގެ ވިޔަފާރީގައި އުޅޭ ބައިނޭންސްގެ ބާނީ އަށް މައާފް ދިނުން ފަދަ ކަންކަން ވެސް މި އިންވެސްޓްމަންޓާ ގުޅިފައިވާ ކަމަށް އެމީހުން ތުހުމަތުކުރެއެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްގެ ގާނޫނީ މުސްތަޝާރު ވިދާޅުވީ، ޓްރަމްޕްގެ ވިޔަފާރިތައް ބަލަހައްޓަނީ އޭނާގެ އައުލާދުން ކަމަށާއި، މި ކަމުގައި ޓްރަމްޕްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި ޔޫއޭއީއާއެކު ހެދި އޭއައި ޗިޕް ވިއްކުމުގެ އެއްބަސްވުމަކީ އެމެރިކާގެ މަސްލަހަތަށްޓަކައި ކުރި ކަމެއް ކަމަށް ވެސް ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ސެނެޓްގައި އަޑުއެހުންތަކެއް ބޭއްވުމަށް ޑިމޮކްރެޓުން ބޭނުންވި ނަމަވެސް، އެކަމަށް ރިޕަބްލިކަން ޕާޓީގެ ތާއީދު ބޭނުންވާނެއެވެ. ނަމަވެސް، ރިޕަބްލިކަން މެންބަރުން މިހާތަނަށް މި މައްސަލައާ މެދު ގޮތެއް ކިޔާފައެއް ނުވެއެވެ. ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުން ވަނީ މި އެއްބަސްވުމާ ބެހޭ ގޮތުން ކުރެވުނު ސުވާލުތަކަށް ސާފު ޖަވާބެއް ދިނުމުން ރެކިފައެވެ.

ހިއްސާ ކުރައްވާ!