ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) ގެ ލީޑަރު ޑރ.މަހްރަންގް ބަލޫޗް އުމުރަށް ޖަލަށްލުމަށް ކޯޓުން ކުރި ޙުކުމާ ގުޅިގެން، ޕާކިސްތާނުގެ ޢަދުލު އިންސާފުގެ ނިޒާމާމެދު ބޮޑެތި ފާޑުކިޔުންތަކާއި ސުވާލުތައް އުފެދިއްޖެއެވެ. މި ޙުކުމަކީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވައިގެން ކުރި ޙުކުމެއް ކަމަށް ބުނެ ގިނަ ފަރާތްތަކަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޙުކުމް ކުރެވުނު ލީޑަރަކީ ސުލްހަވެރިކަމާއެކު ޙައްޤުތަކަށް ވަކާލާތު ކުރަމުންދިޔަ ބައެއް ކަމަށް ބުނެ، މި ޙުކުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދިން ޙަމަލާއެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. ޕާކިސްތާނުގެ ޝަރުޢީ ނިޒާމަކީ ސިޔާސީ ފިއްތުންތަކުގެ ދަށުގައި އޮތް ނިޒާމެއްކަން މިފަދަ ޙުކުމްތަކުން ހާމަވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ޕާކިސްތާނުގެ ސަރުކާރަށް ވެސް މި ކަމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި، މިއީ އިންސާނީ ހައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހިންގި ވަރަށް ހަރުކަށި ޢަމަލެކެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ މި ޙުކުމްތައް ވަގުތުން ބާޠިލުކޮށް، ޙައްޔަރުކޮށްފައިވާ ލީޑަރުން މިނިވަން ކުރުމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. ބީވައިސީގެ ލީޑަރުންނަކީ ސުލްހަވެރިކަމާއެކު ބަލޫޗިސްތާނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރަމުންދިޔަ ބައެއް ކަމަށާއި، އެމީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްޤުތައް ނިގުޅައިގަތުން ކަމަށް އެމްނެސްޓީން ސިފަކުރެއެވެ.
މި ޙުކުމްތަކަކީ ޕާކިސްތާނުގައި ސިޔާސީ ނުތަނަވަސްކަން އިތުރުކޮށް، ބަލޫޗިސްތާނުގެ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށް އެ ޖަމިއްޔާއިން ތުހުމަތުކުރެއެވެ. މީގެ އިތުރުން، ޕާކިސްތާނުގެ ޝަރުޢީ ނިޒާމު ސިޔާސީ ބޭނުންތަކަށް ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން މި މައްސަލައަށް ސަމާލުކަން ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ގޮވާލާފައިވެއެވެ.
ބީވައިސީގެ ލީޑަރުންނަށް ކުރި މި ޙުކުމާއެކު، ބަލޫޗިސްތާނުގެ ސިޔާސީ މަސްރަޙު އިތުރަށް ހޫނުވެ، ސަރުކާރާ ދެކޮޅަށް ކުރެވޭ އިހުތިޖާޖުތައް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ޤާނޫނުގެ ވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި ޝަރުޢީ ނިޒާމު ސިޔާސީ ހަތިޔާރަކަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތައް ވެސް ޕާކިސްތާނުގެ ވެރިންނަށް އަންނަނީ އަމާޒުވަމުންނެވެ. މި ހާދިސާ ފެންމަތިވެފައި މިވަނީ، ޕާކިސްތާނުގެ ޢަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަމާ މެދު ބައިނަލްއަޤްވާމީ ފެންވަރުގައި ސުވާލުތައް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.



