ނެދަރލެންޑްސްގެ ރާނީގެ ތައުރީފް އިންޑިއާގެ މާލީ ބައިވެރިވުމާއި ޑިޖިޓަލް އުމްރާނީ ވަސީލަތްތަކަށް

ނެދަލޭންޑްސްގެ ރާނީ މެކްސިމާ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ އެޑްވޮކޭޓް ފޯ ފައިނޭންޝަލް ހެލްތުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އިންޑިއާގެ މާލީ ބައިވެރިވުމާއި ޑިޖިޓަލް އުމްރާނީ ވަސީލަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ. ރާނީ މެކްސިމާ ވިދާޅުވީ އިންޑިއާގެ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާގެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށާއި، މިހާރު ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށެވެ.

މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ އިންޑިއާގެ ރައްޔިތުންނަށް އާމްދަނީއާއި ޚަރަދުތައް ރަނގަޅަށް މެނޭޖްކުރުމަށާއި، ފައިސާ ރައްކާކުރުމަށާއި، ޒިންމާދާރުކަމާއެކު އިންވެސްޓްކުރުމަށް އެހީތެރިވެދޭ މާލީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. ޖަން ދަން، އާދާރް، އަދި ޔުނައިޓެޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ފަދަ އިސްނެގުންތަކުގެ ސަބަބުން މިހާރު އިންޑިއާގެ 89 އިންސައްތަ ރައްޔިތުންނަށް ބޭންކް އެކައުންޓްތަކުގެ ޚިދުމަތާއި، ލޯނާއި، އިންޝުއަރެންސް އަދި ޕެންޝަން ފަދަ ޚިދުމަތްތައް ފަސޭހައިން ލިބޭކަން ރާނީ ފާހަގަކުރެއްވިއެވެ.

މުމްބާއީގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގައި ރާނީ ވަނީ ޑިޖިޓަލް މާލީ ޕްލެޓްފޯމްތައް ބޭނުންކުރާ ޕްރޮފެޝަނަލުންނާ ބައްދަލުކުރައްވައި، އަންހެނުންނާއި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މާލީ ގޮންޖެހުންތައް ކުރިމަތިވާ މިންވަރާއި، އޭއައި މެދުވެރިކޮށް މާލީ ލަފާ ދިނުމާއި، ޑިޖިޓަލް އޮޅުވާލުންތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރާނީ މެކްސިމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، މި ދަތުރުފުޅުން ފާހަގަކުރެއްވުނު ކަންކަމާއި މައުލޫމާތުތައް ހިއްސާކުރައްވާނެއެވެ. މިއީ އދ. ގެ އެޑްވޮކޭޓެއްގެ ހައިސިއްޔަތުން ރާނީ އިންޑިއާއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ.

ހިއްސާ ކުރައްވާ!