ކުރީގެ ނިއުޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސްގެ ފުރަތަމަ ޗީފް އޮފް ސްޓާފް ފްރޭންކް ކެރޯން ނިއުޔޯކް ފުލުހުން ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ސިޓީގެ ކޮންޓްރެކްޓްތަކަކާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ރިޝްވަތުގެ މައްސަލައެއްގެ ތެރެއިންނެވެ.
ކެރޯންގެ އިތުރުން މި މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި އޭނާގެ ކޮއްކޮ އަދި ވިޔަފާރީގެ ބައިވެރިޔާ އެންތަނީ ކެރޯން، ކުއީންސްގެ ހޮޓަލެއްގެ ވެރިއަކު، އަދި އެ ހޮޓަލުގެ މުވައްޒަފަކު ހިމެނެއެވެ.
މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓްގެ މިހާރުގެ އަދި ކުރީގެ އިސް ފަރާތްތަކެއްގެ ގެދޮރު ބަލައި ފާސްކުރުމުގެ މަސައްކަތްތަކެއް ވެސް ފެޑެރަލް އޭޖެންޓުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންތަކަކީ ވެސް ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ހިންގަމުންދާ ފުޅާ ދާއިރާއެއްގެ ޖިނާއީ ތަހުގީގެއްގެ ބައެކެވެ.
ފްރޭންކް ކެރޯންގެ ވަކީލު ވަނީ މި ތުހުމަތުތަކަކީ ހެކި ނެތް ވާހަކަތަކެއް ކަމަށް ބުނެ، މި މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެރިކް އެޑަމްސްގެ ތަރުޖަމާނު ވިދާޅުވީ، ކެރޯން އަކީ ގިނަ ދުވަސްތަކެއް ވަންދެން އާންމު ޚިދުމަތުގައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި، މިއީ މިހާރު ކުރިއަށްދާ ޤާނޫނީ މައްސަލައެއް ކަމުން އިތުރު އެއްޗެއް ދަންނަވަން ނެތް ކަމަށެވެ.







