އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ، އެމެރިކާއިން ހިފަހައްޓާފައިވާ އީރާންގެ ފައިސާތައް ދޫކުރުމުން އެ ފައިސާގެ ބޮޑު ބައެއް އީރާނުން ޚަރަދުކުރާނީ އެމެރިކާ އިން އުފައްދާ ކާބޯތަކެއްޗާއި ބޭސް ގަތުމަށް ކަމަށެވެ. މި ފައިސާގެ މުއާމަލާތްތައް އެމެރިކާއިން ސީދާ ބަލަހައްޓާނެ ކަމަށާއި، މި ފައިސާ ފޯރުކޮށްދޭނީ ގަތަރު މެދުވެރިކޮށް ކަމަށް އޭނާ ހާމަކުރެއްވިއެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ މިކަމާ އެއްބަސްވެވަޑައިގެން، މި ފައިސާއަކީ އެމެރިކާ ބޭނުން ނުވާ ގޮތަކަށް ޚަރަދުކުރާނެ ފައިސާއެއް ނޫން ކަމަށާއި، އެ ފައިސާ ބޭނުންކުރާނީ އެމެރިކާގެ އުފެއްދުންތައް ގަތުމަށް ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، އީރާނުން ވަނީ މި ވާހަކަތައް ހަރުކަށި އިބާރާތުން ދޮގުކޮށްފައެވެ. ޖެނީވާގައި ހުންނަ އދ. އަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު އަލީ ބަހްރައިނީ ވިދާޅުވީ، އީރާނުގެ ފައިސާއާ މެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮތީ ހަމައެކަނި އީރާނަށް ކަމަށެވެ. އެ ފައިސާ ބޭނުންކުރާނެ ގޮތަކާ މެދު އެހެން ޤައުމަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަހްރައިނީ ފާހަގަކުރެއްވި ގޮތުގައި، ގަތަރާއި އެމެރިކާގެ ދައުރެއް އޮތް ނަމަވެސް، އެ ދައުރު ހަނިވެފައިވަނީ ހަމައެކަނި ފައިސާ ދޫކުރުމުގެ ލޮޖިސްޓިކްސް އަދި ފަންނީ ކަންކަމަށެވެ. ފައިސާ ހުރީ އެމެރިކާއިން ފޭރިގެންފައި ކަމުންނާއި، އޭގެ ބައެއް ގަތަރުގައި ހުރުމުން އެ ކަންކަމުގައި އެ ޤައުމުތަކުގެ ބައިވެރިވުން އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ޤަބޫލުކުރެއްވިއެވެ. ނަމަވެސް، އީރާނުގެ ދާޚިލީ ކަންކަމަށާއި، އެ ފައިސާ ޚަރަދުކުރާނެ ގޮތްތަކަށް އެހެން ޤައުމަކުން ނުފޫޒު ފޯރުވުމަށް އީރާނުން އެއްގޮތަކަށް ވެސް ޖާގަ ނުދޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މި މައްސަލައަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން އެމެރިކާއާ އެކު ކުރިއަށްދާ 60 ދުވަހުގެ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު އަދި ނާޒުކު މައްސަލައެކެވެ. އީރާނުގެ ޚާރިޖީ ސިޔާސަތުގައި ޤައުމުގެ ސިޔާދަތާއި މިނިވަންކަމަކީ އީރާނުން ދޫނުދޭ ކަންކަމެވެ.
