އޮސްޓްރޭލިއާގެ ބޮންޑައި ބީޗުގައި ހިނގި ޓެރަރިސްޓް ހަމަލާއެއްގެ ތެރޭގައި ހަތިޔާރު އެޅި މީހަކާ ކުރިމަތިލައި ޔަހޫދީ އިންސާނުންގެ ފުރާނަ ސަލާމަތްކުރި ސޫރިއާގެ ދަރިކޮޅަށް ނިސްބަތްވާ އަޙްމަދު އަލްއަޙްމަދު، މިފަހަރު ޚަބަރުތަކަށް އަރާފައިވަނީ އަމިއްލަ ބައްޕަޔަށް އަނިޔާކުރިކަމުގެ ތުހުމަތުގައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުޅި ދުނިޔޭގެ ސަމާލުކަން ހޯދައި، އެތައް މިލިއަން ޑޮލަރެއްގެ އެހީ ލިބުނު މި ބަތަލު، މިއަދު ބަންކްސްޓައުން ކޯޓަށް ހާޒިރު ކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ގެވެށި އަނިޔާގެ ދައުވާތައް ދޮގުކުރުމަށެވެ. މިއީ މިއަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު ސިޑްނީގެ ބަންކްސްޓައުންގައި ހުންނަ އޭނާގެ ބައްޕަގެ ގޭގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެކެވެ.
އަޙްމަދުގެ ވަކީލު މުޙައްމަދު ސަޤަރު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ އާއިލީ ކަންތައްގަނޑެއް ކަމަށާއި، އަޙްމަދަކީ އަދިވެސް ބަތަލެއް ކަމަށާއި އޭނާގެ ކަރާމާތް ހިފެހެއްޓެން ޖެހޭނެ ކަމަށެވެ. އަޙްމަދުގެ ބައްޕަ މުޙައްމަދު ވެސް ވަނީ މި މައްސަލަ ކޯޓުން ބޭރުން ހައްލުވާނެ ކަމުގެ އުއްމީދު ކޮށް، ދަރިންނަށް ވުރެ އަގުހުރި އެއްޗެއް ނެތް ކަމަށް ބުނެފައެވެ.
މި މައްސަލައިގައި އަޙްމަދުގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުން ނުވަތަ އަނިޔާއެއް ލިބިދާނެ ކަމަށް ބިރު އުފެއްދުމުގެ ދައުވާތަކެވެ. އަދި މީގެ ކުރިން އޭނާގެ ދެ ކޮއްކޮ ކަމަށްވާ ހުޒައިފާ އާއި ސާމިޙް ވަނީ، އަޙްމަދަށް ލިބުނު 2.6 މިލިއަން ޑޮލަރުގެ އެހީގެ ފައިސާގެ ބައެއް ހޯދުމަށް އޭނާއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ފިޔަވަޅު އަޅާފައެވެ.
އަޙްމަދު ބުނާ ގޮތުގައި އޭނާގެ ބައްޕައާ އޮތް ގުޅުން ގޯސްވީ އޭނާގެ ދެ ކޮއްކޮ އޭނާ ފޭރެން އުޅުނު މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އަދި އެ ދެ ކޮއްކޮގެ މައްސަލަ އަނބުރާ ގެންދިއުމަށް ބައްޕަ އޭނާއަށް ޕްރެޝަރު ކުރި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއެވެ. މި މައްސަލައިގެ އަޑުއެހުންތައް ދެން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

