އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވިއާ، މިދިޔަ އަހަރު އެކަނި ވެސް 5،700 ފަލަސްތީނު ގެދޮރު ތަޅާލާފައިވާކަމަށް ފަޚުރުވެރިކަމާއެކު މިއަދު ބުނެފިއެވެ. ޓެލް އަވީވްގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ޔަހޫދީ ކަލޭގެ ވަނީ ކުރިއަށް އޮތް ތަނުގައި ފެލަސްތީނު މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އިތުރު ގެދޮރުތައް ހަލާކުކުރާނެ ކަމަށް ވައުދުވެފައެވެ.
އިޒްރޭލުގެ މި ސިޔާސަތުތަކާ ގުޅޭގޮތުން އެމްނެސްޓީ އިންޓަނޭޝަނަލުން ޖޫން 10 ގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ވެސްޓް ބޭންކުގައި ދިރިއުޅޭ ފަލަސްތީނު މުޖުތަމައުތަކަށް އަމާޒުކޮށްގެން އިޒްރޭލުން ހިންގާ ހަރަކާތްތައް ވަރަށް ބޮޑަށް ހަލުވިކޮށްފައިވާ ކަމަށެވެ.
އދ. ގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒްއާ ހަވާލާދީ އެމްނެސްޓީން ބުނާގޮތުގައި، ޖެނުއަރީ 2023 އިން އޭޕްރީލް 2026 އާ ދެމެދު 117 އަށްވުރެ ގިނަ ފަލަސްތީނު މުޖުތަމައުއަކުން މީހުން ބޭރުކޮށްފައިވެއެވެ. އޭޕްރީލް މަސް ނިމުނުއިރު، މަދުވެގެން 5،910 މީހުން ގަދަކަމުން ގެދޮރުން ނެރެފައިވާކަން އެ ރިޕޯޓުން ހާމަވެއެވެ.
ހުޅަނގު އައްސޭރީގައި ގެދޮރު ހަލާކުކުރުމާއި، ސެޓްލަރުންނާއި އިޒްރޭލު ސިފައިން ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައް އިތުރުވެފައިވާއިރު، މިއީ އެ ސަރަހައްދުތަކުން މީހުން ބޭރުކޮށް، ގަވާއިދާ ޚިލާފު ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ރާވައިގެން ހިންގާ ކަންކަން ކަމަށް ފަލަސްތީނުގެ ރައްޔިތުން ތުހުމަތު ކުރެއެވެ.
ފަލަސްތީނުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާގޮތުން، 8 އޮކްޓޯބަރު 2023 އިން ފެށިގެން ހުޅަނގު އައްސޭރީގައި 1،173 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު، 12،666 މީހުން ޒަޚަމްވެފައިވެއެވެ. އަދި 23،000 މީހުން ހައްޔަރުކޮށް، 33،000 މީހުން ވަނީ ގެދޮރުން ބޭރުކޮށްލާފައެވެ.
މި ހަމަލާތަކަކީ އިޒްރޭލުން ހުޅަނގު އައްސޭރި އެއްކޮށް ހިފުމަށް މަގުފަހިކުރާ ކަންތައްތަކެއް ކަމަށް ފަލަސްތީނުން އިންޒާރުދެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ޔަހޫދީން ބޭނުންވެއެވެ.







