އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ސެނެޓުން ފާސްކުރި ގަރާރު، ހަމަ އެ މަޖިލީހުން އަލުން ވޯޓަކަށް އަހައި ބާޠިލުކޮށްފިއެވެ. މި ބަދަލު އައީ ގަރާރަށް ތާއީދުކުރި ޖުމްހޫރީ ޕާޓީގެ ސެނެޓަރުންނަށް ޓްރަމްޕް ސީދާ ގޮތެއްގައި ޕްރެޝަރު ކުރެއްވުމުންނެވެ.
މިދިޔަ އަންގާރަ ދުވަހު ސެނެޓުން ވަނީ 50 ވޯޓުން 48 ވޯޓުން، ރައީސް ޓްރަމްޕުގެ ހަނގުރާމައިގެ ބާރުތައް ހަނިކުރާ ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް، މިކަމާ މެދު ނުރުހުން ފާޅުކުރައްވައި ޓްރަމްޕް ވަނީ ޖުމްހޫރީ ޕާޓީގެ ސެނެޓަރުންނާ ބައްދަލުކުރައްވައި، އެ ފިޔަވަޅުގެ ސަބަބުން އީރާނާ އެކު ކުރާ މަޝްވަރާތަކުގައި އެމެރިކާގެ މަޤާމު ބަލިކަށިވާނެ ކަމަށް ވިދާޅުވެފައެވެ.
މި ޕްރެޝަރުގެ ދަށުން، ކުރިން ގަރާރަށް ތާއީދުކުރި ދެ ސެނެޓަރެއް ކަމަށްވާ ރެންޑް ޕޯލް އާއި ބިލް ކެސީޑީ ވަނީ ވޯޓު ދިން ގޮތް ބަދަލުކޮށްފައެވެ. ބުދަ ދުވަހުގެ ރޭ ނެގި މި ވޯޓުގައި، އެ ގަރާރު ކުރިއަށް ގެންދިއުމާ ދެކޮޅަށް 50 ވޯޓު ލިބުނުއިރު، ތާއީދުކުރީ 47 މެންބަރުންނެވެ.
ޓްރަމްޕް ވަނީ މި ނަތީޖާއަށް މަރުހަބާ ވިދާޅުވެ، މިއީ އޭނާގެ ޕްރެޝަރުގެ ނަތީޖާ ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ، މި ވޯޓުގެ ސަބަބުން އީރާނަށް ވަރުގަދަ އިންޒާރެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
ސެނެޓަރު ބިލް ކެސީޑީ ވިދާޅުވީ، ވައިޓް ހައުސްއިން އޭނާއަށް އީރާނާ ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ދިނުމުން، (ޔައުނީ: ފިއްތުމުން) ރައީސަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ވޯޓު ބަދަލުކުރީ ކަމަށެވެ. އަދި ރެންޑް ޕޯލް ވޯޓު ދިން ގޮތް ބަދަލުކުރީ، ރައީސްގެ މަޝްވަރާގެ މަޤާމު ވަރުގަދަކޮށްދިނުމުގެ ގޮތުން ކަމަށް އޭނާ ބުނެފައިވެއެވެ.
މިއީ އީރާންގެ މައްސަލާގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި މި ފަހުން ނެގި 11 ވަނަ ވޯޓެވެ.




