ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްތަކަށް ސްލޮވީނިއާއިން ދެމުންދާ އެއްބާރުލުމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ތައުރީފުކޮށްފިއެވެ. ނިއު ދިއްލީގައި ހުންނަ ސްލޮވީނިއާ އެމްބަސީގައި ބޭއްވި އެ ޤައުމުގެ ޤައުމީ ދުވަހުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސެކްރެޓަރީ ސިބީ ޖޯޖް ވިދާޅުވީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ޖައްމޫ އެންޑް ކަޝްމީރުގެ ޕަހަލްގާމްގައި ދިން ޓެރަރިސްޓް ހަމަލާ ސްލޮވީނިއާއިން ކުށްވެރިކުރުމަކީ އިންޑިއާއިން ވަރަށް ބޮޑަށް އަގުވަޒަންކުރާ ކަމެއް ކަމަށެވެ.
އިންޑިއާ އާއި ސްލޮވީނިއާގެ ދެމެދުގައި އޮތް ގުޅުމަކީ ޑިމޮކްރެޓިކް ހަމަތަކާއި ދެފަރާތުގެ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވަމުން ސިބީ ޖޯޖް ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތު 'އޮޕަރޭޝަން ސިންދޫރު' ގެ ތެރެއިން ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައާއި، ބޯޑަރު ހުރަސްކޮށް ކުރާ ޓެރަރިޒަމާ ދެކޮޅަށް ސްލޮވީނިއާއިން ދެމުންދާ އެއްބާރުލުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސްލޮވީނިއާގެ ސަފީރު ޓޮމާޒް މެންސިން ވިދާޅުވީ، އިންޑިއާ އާއި ސްލޮވީނިއާގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުން އަންނަ ކަމަށެވެ. ޚާއްސަކޮށް، އިންޑިއާ އާއި ސްލޮވީނިއާގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 35 އަހަރު ފުރޭ މުނާސަބަތަކީ، ދެ ޤައުމުގެ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވެސް ވަނީ މިކަމާ ގުޅޭގޮތުން އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި، ސްލޮވީނިއާ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ޤައުމުން ވެސް ޢަޒުމު ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވާފައެވެ. 2019 ވަނަ އަހަރު އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ސްލޮވީނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، 2021 ވަނަ އަހަރު އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ސްލޮވީނިއާއަށް ކުރެއްވި ދަތުރުފުޅަކީ މި ގުޅުން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަންކަން ކަމަށް ވެސް އިންޑިއާގެ އޮފިޝަލުން ފާހަގަކުރެއްވިއެވެ.





