އީރާން އިންޑިއާގެ ހަކަތައިގެ މަޝްވަރާތައް

އީރާނުގެ ހަކަތައާ ބެހޭ ވަޒީރު މޮހްސެން ޕަކްނެޖާދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބްރިކްސް ޤައުމުތަކުގެ މެދުގައި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ފައްޓަވައިފިއެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ވަޑައިގެންނެވި ޕަކްނެޖާދު ވިދާޅުވީ، އިންޑިއާއާ އެކު އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމަށް އީރާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

ޒަމާންވީ ތާރީޚީ ގުޅުންތަކުގެ މަތިން ހަނދާން އައުކުރައްވަމުން އީރާނުގެ ވަޒީރު ވިދާޅުވީ، މި ދަތުރުފުޅަކީ ބްރިކްސްގެ ހަކަތައާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށާއި، މި ބައްދަލުވުމުގެ ތެރެއިން އިންޑިއާއާ އެކު ދެ ޤައުމުގެ ދޭތެރޭގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ޕަކްނެޖާދު ވިދާޅުވީ އެމެރިކާއާއެކު އެއްބަސްވެވިފައިވާ ކަންތައްތަކެއްގެ މަތިން 60 ދުވަހުގެ މުއްދަތަކަށް ވަކި ލުއިތަކެއް ލިބިފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި އިންޑިއާގެ އޮފިޝަލުންނާއި ހަކަތައިގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި، ތެލާއި ގޭހުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ފުޅާކުރުމާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހޯދުމަށް މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ސެކްރެޓަރީ ޣަދީރު ނިޒާމީޕޫރު ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައިވެއެވެ. އިންޑިއާގައި ހުންނަ އީރާނުގެ އެމްބަސީން ބުނެފައިވާ ގޮތުގައި، ބްރިކްސްގެ ސަލާމަތީ އިދާރާތަކުގެ އިސްވެރިންގެ ބައްދަލުވުން ނިންމާލުމަށްފަހު އަންގާރަ ދުވަހުގެ ހަވީރު ބޮޑުވަޒީރު މޯދީއާ އެކު ބޭއްވި މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާ ގުޅޭ މުހިންމު މަޝްވަރާތައް ކުރެވުނެވެ.

ހިއްސާ ކުރައްވާ!