ހުރުމުޒު ކަނޑުއޮޅިން ފީއެއް ނެގުމެއް ނެތް: އޮމާން

ހުރުމުޒު ކަނޑުއޮޅިއާ ގުޅޭގޮތުން ކުރިއަށް އޮތް ތަނުގައި ހަމަޖައްސާ އެއްވެސް އިންތިޒާމެއްގެ ދަށުން އެތަނުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނުނަގާނެ ކަމަށް އޮމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލްބޫސައިދީ ވިދާޅުވެއްޖެއެވެ.

ބަހްރައިންގެ ވެރިރަށް މަނާމާގައި ކުރިއަށްދާ ގަލްފްގެ އަރަބި ޤައުމުތަކާއި އެމެރިކާގެ މިނިސްޓަރުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޫސައިދީ ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ ފަހުމުނާމާއަށް އޮމާނުން ފުރިހަމައަށް ތާޢީދުކުރާ ކަމަށެވެ. އަދި މި ފަހުމުނާމާގެ ސަބަބުން ސަރަހައްދުގައި ސުލްހަ ޤާއިމުވެ، ހުރުމުޒު ކަނޑުއޮޅިން އުޅަނދުތައް މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޫސައިދީ ފާހަގަކުރެއްވި ގޮތުގައި، ހުރުމުޒު ކަނޑުއޮޅިއާ އިންވެގެން އޮތް ޤައުމެއްގެ ހައިސިއްޔަތުން، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ކަނޑުގެ ޤާނޫނުތަކާ އެއްގޮތަށް ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އޮމާނުގެ ޚާއްސަ ޒިންމާއެކެވެ. މި މަޤްޞަދުގައި އޮމާނުން ދަނީ އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ވަގުތީ މަގެއް ވެސް ފަހިކޮށްދެމުންނެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ ހުރުމުޒު ކަނޑުއޮޅިއަކީ އެއްވެސް ޤައުމެއްގެ މިލްކެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެ ކަނޑުއޮޅިން ފީ ނެގުމަކީ ބައިނަލްއަޤްވާމީ ވިޔަފާރިއަށް އެޅޭ ބޮޑު ހުރަހަކަށް ވާނެތީ، އެކަން އެމެރިކާއިން އެއްގޮތަކަށް ވެސް ޤަބޫލު ނުކުރާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

ބަހްރައިންގެ ޚާރިޖީ ވަޒީރު ޢަބްދުއްލަތީފް އަލް ޒަޔާނީ ވަނީ އޮމާނުން އަޅަމުންދާ މި ފިޔަވަޅުތަކަށް މަރުހަބާ ދަންނަވައި، ހުރުމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮމާނުން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!