ޑެންމާކުން އަނެއްކާވެސް ބަންގި މަނާކުރުމުގެ މަސައްކަތް ފަށައިފި

ޑެންމާކުގެ އިމިގްރޭޝަން މިނިސްޓަރ މޯޓަން ބޮޑްސްކޯވް، އެ ޤައުމުގައި ބަންގި ގޮވުން މަނާކުރުމަށް އަލުން މަސައްކަތް ފަށާނެކަން އިއުލާނު ކުރުމާ ގުޅިގެން، އެ ޤައުމުގައި ވަރުގަދަ ބަހުސެއް ފެށިއްޖެއެވެ.

ބޮޑްސްކޯވް ވިދާޅުވީ ޑެންމާކުގެ އުޑުން ބަންގީގެ އަޑު އިވެން ނުޖެހޭނެ ކަމަށާއި، އެއީ ޑެންމާކުގައި އޮންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ޑެންމާކުގެ މަގުތަކުގައި ހިނގާފައި ދާއިރު، އެއީ އިސްލާމްއާބާދުގެ އަވަށްޓެރި ސަރަހައްދެއްތޯ ނުވަތަ ޑެންމާކުތޯ އޮޅުން ނާރާނެ ގޮތަކަށް ކަންކަން ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޑެންމާކުގެ ޢާންމު ޖާގަތަކުގައި އިސްލާމީ އަސަރުތައް އިތުރުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ބޮޑްސްކޯވް، ބަންގި ގޮވުން މަނާކުރުމާ ގުޅޭ ޤާނޫނީ ދިރާސާތައް އަލުން ފެށުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ބުނެފައިވެއެވެ. މިއީ ޑެންމާކުގެ މިނިސްޓަރަކު މިފަދަ ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2020 އަދި 2025 ވަނަ އަހަރު ވެސް މިފަދަ މަސައްކަތްތަކެއް ކުރެވުނެވެ.

ޑެންމާކުގެ ޤާނޫނުއަސާސީން ޢާންމުކޮށް އަޅުކަން ކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިން ނަމަވެސް، މުސްލިމުންނަށް އެފަދަ ފުރުސަތެއް ނޯވެއެވެ. އަދި އެ ޤައުމުގެ ބައެއް ސަރަހައްދުތަކުގައި މިހާރުވެސް އަޑުގަދަ ކުރުމުގެ ހަރުކަށި އުސޫލުތައް ކަނޑައެޅުމުގެ ސަބަބުން މިސްކިތްތަކުގައި ލައުޑްސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވުން ވަނީ މަނާވެފައެވެ.

ބޮޑުވަޒީރު މެޓޭ ފްރެޑެރިކްސަންގެ ވެރިކަމުގައި ޑެންމާކުން ވަނީ ޔޫރަޕްގެ އެންމެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުތައް ތަންފީޒުކުރަން ފަށާފައެވެ. އޭގެ ތެރޭގައި މުސްލިމުން ވަކި ޖަމާއަތެއްގެ ގޮތުގައި އުޅުމާއި މުސްލިމު މުހާޖިރުންގެ މުދާ ހިފެހެއްޓުމާއި، މާލީ އެހީތެރިކަން މަދުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ޑެންމާކުގެ އާބާދީގައި ގާތްގަނޑަކަށް 6 މިލިއަން މީހުން އުޅޭއިރު، އޭގެ ތެރޭގައި 270،000 އެއްހާ މުސްލިމުން އުޅެއެވެ. ޤައުމުގައި ގާތްގަނޑަކަށް 100 މިސްކިތް ހުރެއެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ މިސްކިތްތަކުގައި ބަންގި ގޮވުމަށް ލައުޑްސްޕީކަރު ބޭނުން ނުކުރެއެވެ. މިފަދަ ޤާނޫނީ ބަދަލެއް ގެނައުމަކީ ދީނީ މިނިވަންކަމާ ގުޅޭގޮތުން ބޮޑެތި ޤާނޫނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!