އިޒްރޭލުގެ ހަރުކަށި ހަމަލާތަކުގެ އެންމެ ކުރީގައި ހުންނަ ސަލާމަތީ ކަންކަމާ ބެހޭ ޓެރަރިސްޓް ވަޒީރު އިޓަމާ ބެން ގްވީރު، ބޯކޮށާ ސެލޫނެއްގައި އިނދެގެން، ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ހަލާކުކުރުމުގެ އަމަލުތަކަށް މަލާމާތްކޮށް، އެކަމާ މެދު ފަޚުރުވެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވި މި ވީޑިއޯގައި، ބެން ގްވީރު އޭނާގެ ބޯކޮށާ މީހާއާ ވާހަކަ ދައްކަމުން ބުނީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ހަލާކުކުރާ އަދަދު، އޭނާގެ ބޮލުގައި ހުރި އިސްތަށިތަކަށްވުރެ ވެސް ގިނަ ކަމަށެވެ. ބޯކޮށާ މީހާ ސަމާސާގެ ރާގަކަށް، ކޮންމެ ގެއެއް ހަލާކުކުރާ ކޮންމެ ފަހަރަކަށް އިސްތައްޓެއް ކޮށާނަން ކަމަށް ބުނުމުން، ބެން ގްވީރު ހީނގަނެފައި ބުނީ "ކަލޭ މޮޔަވީތަ؟ އޭރުން މަގޭ ބޯ ހުންނާނީ ތަލަކޮށް" ކަމަށެވެ.
މި ވީޑިއޯ ނިންމާލަނީ ފަލަސްތީނުގެ ގެދޮރުތައް ވައްޓާލާ މަންޒަރުތައް ދައްކަމުން އުފާވެރި މިއުޒިކަކާ އެކު އެވެ. މި މަންޒަރުތަކާ ގުޅިގެން ފަލަސްތީނުގެ އެކްޓިވިސްޓުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
"މިއީ ފަލަސްތީނުގެ ރައްޔިތުންގެ ވޭނަށް ކުރާ ފުރައްސާރައެއް. ގެދޮރު ހަލާކުކުރުމަކީ ހަމައެކަނި ސިޔާސީ ކުޅިވަރެއް ނޫން، މިއީ އެތައް ހާސް ބަޔަކު މަގުމަތިކުރުން،" އެކްޓިވިސްޓަކު ބުންޏެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ބެން ގްވީރުގެ މި އަމަލަކީ "ޖަމާއީ އަދަބު" ދިނުން މާނަކުރާ ގޮތެއް ކަމަށާއި، މިއީ ފަލަސްތީނު މީހުން އެމީހުންގެ ތާރީޚީ ބިންތަކުން ފައްސާލުމަށް ކުރާ ޔަހޫދީ މަސައްކަތުގެ ބައެއް ކަމަށެވެ.





