އެއާރ އިންޑިއާގެ ޕައލެޓަށް އޮޅިގެން ޕާކިސްތާނަށް ވަދެވިއްޖެ

ދިއްލީން ފުރައިގެން އަމްްރިތްސަރަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓެއް، އޮޅިގެން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމާ ގުޅިގެން އެ ބޯޓުގެ ޕައިލެޓް މަސައްކަތުން އެކަހެރިކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖޫން 22 ގެ ރޭގަނޑުއެވެ. އެއާބަސް A321 މަރުކާގެ މި ބޯޓު އަމްރިތްސަރު އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި، ކުރިން ޖެއްސި ބޯޓަކަށް ދޫންޏެއް ޖެހިގެން ރަންވޭ ޗެކްކުރަމުންދާތީ ވަގުތުން ޖެއްސޭގޮތް ނުވެ މަޑުކުރަން އެންގިއެވެ.

މިގޮތަށް މަޑުކޮށްގެން ވައިގައި އުޅުމުގެ ތެރޭގައި، ރޭގަނޑު 10:08 ހާއިރު ބޯޓަށް އޮޅިގެން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ގާތްގަނޑަކަށް ތިން މޭލު އެތެރެއަށް ވަދެވުނެވެ. މި ކަންތައް ޕާކިސްތާނުގެ އެއާ ޓްރެފިކް ކޮންޓްރޯލް އާ ވިލަރެސްކޮށްފައިވާއިރު، ތެޔޮ މަދުވުމުގެ ސަބަބުން ބޯޓަށް އަމްރިތްސަރަށް ނުޖެއްސިގެން ވަނީ އަނބުރާ ދިއްލީއަށް މިސްރާބު ބަދަލުކޮށް، ރޭގަނޑު 11:27 ގައި ރައްކާތެރިކަމާއެކު ޖައްސާފައެވެ. އަދި އޭގެ ފަހުން ބޯޓު ވަނީ އަލުން އަމްރިތްސަރަށް ދަތުރު ފުރިހަމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ސިވިލް އޭވިއޭޝަން ރެގިއުލޭޓަރު ވަނީ މިކަން ރިޕޯޓްނުކުރުމުގެ ސަބަބުން ބޯޓުގެ ކުރޫއިންނާއި އަމްރިތްސަރުގެ އެއާ ޓްރެފިކް ކޮންޓްރޯލަރާ މެދު އިސްލާހީ ފިޔަވަޅު އަޅާފައެވެ.

އެއާ އިންޑިއާއިން ވެސް މި ހާދިސާ ކަށަވަރުކޮށްދީ، އެތެރޭގެ ތަހުގީގެއް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ޕާކިސްތާނުން ވަނީ އިންޑިއާގެ އެއާލައިންތަކަށް އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

ހިއްސާ ކުރައްވާ!