ޗައިނާގެ އެންމެ އުސް އިމާރާތަށް އުދުހޭ ބޯޓެއް މުޑިއަރައިފި

ޗައިނާގެ ވެރިރަށް ބެއިޖިންގެ އެންމެ އުސް އިމާރާތް ކަމަށްވާ ޗައިނާ ޒުން ނުވަތަ ސިޓިކް ޓަވަރުގައި ކުޑަ މަތިންދާ ބޯޓެއް ޖެހި، އެ ސަރަހައްދު ހުސްކޮށް ބޮޑު ހަލަބޮލިކަމެއް އުފެދިއްޖެއެވެ. 109 ބުރީގެ މި އިމާރާތަކީ ދުނިޔޭގެ އެންމެ އުސް 10 އިމާރާތުގެ ތެރޭގައި ހިމެނޭ 528 މީޓަރުގެ އުސް އިމާރާތެކެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު ހިނގި މި ހާދިސާގައި ކާރެއްގެ ސައިޒުގެ ކުޑަ މަތިންދާ ބޯޓެއް ގޮސް އެ އިމާރާތުގެ މަތީ ފަންގިފިލާތަކެއްގައި ޖެހުނެވެ. މި ހާދިސާގައި އިމާރާތުގެ ބިއްލޫރިގަނޑުތައް ތެޅި، އިމާރާތުގެ ބައިތަކާއި ބޯޓުގެ ބައިތައް މަގުމައްޗަށް ވެއްޓިނެވެ. ފެންނަން ހުރި ރަޖިސްޓްރޭޝަން ކޯޑުތަކަށް ބަލާއިރު، މިއީ ޗައިނާގައި އުފައްދާފައިވާ ސަންވާޑް އެސްއޭ 60އެލް އަރޯރާ މަރުކާގެ ކުޑަ ބޯޓެކެވެ. ހާދިސާ ހިނގުމާއެކު ފުލުހުންނާއި އަލިފާން ނިއްވާ ޓީމުތަކުން އެ ސަރަހައްދަށް ގޮސް، އިމާރާތުގައި ތިބި މީހުން ރައްކާތެރިކަމާއެކު ބޭރަށް ނެރެފައިވެއެވެ. ފްލައިޓް ރޭޑާ 24 އިން ދައްކާ ގޮތުގައި ބޯޓު ދަތުރުކުރަމުން ދިޔައީ ކުރިން ދަތުރުކުރުމަށް ރާވާފައިވާ މަގުން ވަރަށް ބޮޑަށް ކަސިޔާރުވެގެންނެވެ.

ބެއިޖިންގެ ވައިގެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ރައްކާތެރި އެއް ސަރަހައްދެވެ. ޚާއްސަކޮށް ވެރިރަށުގެ މައި މަރުކަޒުތައް ހުންނަ ސަރަހައްދުގައި ޑްރޯނާއި އަމިއްލަ ކުދި ބޯޓުތައް ދުއްވުމަކީ ހުއްދަ ނެތި މަނާކަމެކެވެ. މި އިމާރާތް ހުންނަނީ ޗައިނާގެ ވެރިން ތިބޭ ޒޮންގްނަންހާއީ މަރުކަޒާ ވަރަށް ކައިރީގައެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯތަކާއި ފޮޓޯތައް ޗައިނާގެ ސޯޝަލް މީޑިއާއިން ވަނީ ވަރަށް ބާރަށް ފޮހެލާފައެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި ފޮޓޯ ނެގި މީހުންގެ އަތުން ފޯނު އަތުލައި ފޮޓޯތައް ފޮހެލުމަށް ފުލުހުން އަންގާފައިވެއެވެ. މި ހާދިސާގައި ލިބުނު ގެއްލުންތަކާއި އަނިޔާތަކާ ގުޅޭ ރަސްމީ އެއްވެސް ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!