ހޮނިހިރު ދުވަހުގެ ފަތިހު އެމެރިކާގެ ސިފައން އީރާނުގެ 4 ސަރަހައްދަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއީ މެދުއިރުމަތީގައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހަނގުރާމައިގެ ފައްތަރަކަށް ބަދަލުވެގެން ދިޔަ ވަރަށް ބޮޑު ހަމަލާތަކެކެވެ.
އެމެރިކާގެ އޮފިޝަލަކު "ނިއު ޔޯކް ޓައިމްސް" އަށް މައުލޫމާތު ދެއްވި ގޮތުގައި، 90 މިނެޓަށް ދިގުދެމިގެން ދިޔަ މި އޮޕަރޭޝަނުގައި އެމެރިކާގެ 6 ފައިޓާ ޖެޓް (އެފް-35 އަދި އެފް-16) ބޭނުންކޮށްފައިވެއެވެ. މި ހަމަލާތައް އަމާޒުކުރީ ހުރުމްޒު ކަނޑުއޮޅިއާއި ގޭޝަމް ޖަޒީރާގައި ހުރި އީރާނުގެ މިސައިލް އަދި ޑްރޯން ގުދަންތަކަށާއި ރޭޑާރު ސްޓޭޝަންތަކަށެވެ.
މި ހަމަލާތަކަކީ ބުރާސްފަތި ދުވަހު އީރާނުން ސިންގަޕޫރުގެ ދިދަ ނެގި "އެމްވީ އެވާ ލަވްލީ" ކިޔާ ވިޔަފާރި އުޅަނދަކަށް އީރާނުގެ ޑްރޯނަކުން ދިން ހަމަލާއެއް ކަމަށް ބުނާ ހަމަލާއާ ގުޅިގެން ރައްދުގައި ދިން ހަމަލާތަކެއް ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް / ސެންޓްކޮމް އިން ބުނެއެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރްޖީސީ) އިން ވަނީ މި ހަމަލާތައް ކުށްވެރިކޮށް، މިއީ އެއްބަސްވުންތަކާ ޚިލާފަށް އެމެރިކާއިން ހިންގި އުދުވާނެއް ކަމަށް ސިފަކޮށްފައެވެ. އަދި އީރާނުގެ ރަސްމީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، އެ ގައުމުގެ ކަނޑުގެ ސިފައިން ވަނީ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ އަސްކަރީ ޕޮއިންޓްތަކަކަށް ހަމަލާތަކެއް ދީފައެވެ. އީރާނުން ވަނީ އެމެރިކާގެ ހަމަލާއަށް "އަވަސް އަދި ހަރުދަނާ" ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ މި އަމަލުތަކަކީ އެއްބަސްވުންތަކާ ޚިލާފު "މޮޔަ" ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ފަންސް ވަނީ، "އީރާނުން ހިންގާ ހަމަނުޖެހުންތަކަށް ހަމަނުޖެހުމުން ރައްދު ދެވޭނެ" ކަމަށް އިންޒާރު ދެއްވާފައެވެ.
ނަމަވެސް، ވޮޝިންޓަންގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި، މި ހަމަލާތަކަކީ ފުޅާ ދާއިރާއެއްގައި ހަނގުރާމަ ފެށުމުގެ ނިޝާނެއް ނޫނެވެ. މިއީ ވަކި ހާދިސާތަކަކަށް ދިން ރައްދެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.





