އެއްބަސްވުމާ ޚިލާފު ވުމުން އީރާނުން އެމެރިކާގެ ތަންތަނަށް ހަމަލަ ދީފި

އެމެރިކާއިން އީރާނުގެ އައްސޭރިފަށަށް ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރްޖީސީ) އިން އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ޕޮއިންޓްތަކަށް ހަމަލާތަކެއް ދީފިއެވެ.

އައިއާރްޖީސީގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތައް އަމާޒުކުރީ އެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ގާއިމުވެ ތިބި ތަންތަނަށް ކަމަށެވެ. ނަމަވެސް، ހަމަލާ ދިން ވަކި ތަނެއް އެ މީހުން ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާގެ އަމަލުތައް ކުށްވެރިކޮށް އީރާނުން ބުނެފައިވަނީ، "އާދައިގެ މަތިން އެމެރިކާއިން ވަނީ އެއްބަސްވުންތަކާ ޚިލާފުވެ، އީރާނުގެ އައްސޭރިފަށަށް ވައިގެ ހަމަލާތަކެއް ދީފައި" ކަމަށެވެ.

ހުރުމްޒު ކަނޑުއޮޅީގެ ޓްރެފިކް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން އިސްލާމްއާބާދު ފަހުމުނާމާގެ 5 ވަނަ މާއްދާގެ ދަށުން، އެ ސަރަހައްދު ބެލެހެއްޓުމުގެ ބާރު އީރާނަށް ލިބިގެންވާ ކަމަށް އައިއާރްޖީސީން ފާހަގަކުރިއެވެ.

"އެމެރިކާއިން މަސައްކަތްކުރީ އެކި ފަރާތްތައް ލައްވައި މި އެއްބަސްވުމާ ޚިލާފުވާން. އަޅުގަނޑުމެން މިހާރު މިދިނީ އެކަމަށް ދޭންޖެހޭ ރައްދު. މި އުދުވާނީ އަމަލުތައް ތަކުރާރުކޮށްފިނަމަ، އަޅުގަނޑުމެންގެ ރައްދު މިއަށްވުރެ މާ ބޮޑުވާނެ،" އެ ބަޔާނުގައި އިންޒާރު ދީފައިވެއެވެ.

މީގެ އިތުރުން، އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ސީރިކް ސިޓީއަށް ދެ މިސައިލެއް ފޮނުވާލައި އެތަނުގައި ހުރި މުއާސަލާތީ ޓަވަރަކަށް ގެއްލުންތަކެއް ލިބިފައިވެއެވެ. މި ހަމަލާތަކުގެ ކުރިން، ހުރުމްޒު ކަނޑުއޮޅިން ދަތުރުކުރި ބައެއް އުޅަނދުތަކުން އެއްބަސްވުމާ ޚިލާފުވުމުން، އެ އުޅަނދުތަކަށް އިންޒާރު ދިނުމުގެ ގޮތުން ރިވޮލިއުޝަނަރީ ގާޑުން އިންޒާރުގެ ބަޑިތަކެއް ވެސް ޖަހާފައިވެއެވެ.

ހިއްސާ ކުރައްވާ!