އެމެރިކާއިން ބަންދުކުރާ މަރުކަޒުތަކުގައި މީހުން މަރާ މައްސަލަތައް ބެލުމަށް އދ. އިން ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި، އެގައުމުގެ ހިޖުރަވެރިން ބަންދު ކޮށް އެތަންތާނގައި އަނިޔާކޮށް މަރާލާ މައްސަލަ އިންތިހާއަށް އިތުރުވެފައިވާ ކަމަށްބުނެ، އެކަން މިނިވަންކަމާއެކު ތަހުގީގު ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ވޯލްކާ ޓާކް ގޮވާލައްވައިފިއެވެ.

އެމެރިކާ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް މިއަހަރު އެކަނިވެސް 19 މީހަކު ވަނީ ބަންދު މަރުކަޒުތަކުގައި މަރުވެފައެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޓްރަމްޕްގެ ދެވަނަ ދައުރު ފެށުނު ފަހުން، އެމެރިކާގެ އިމިގްރޭޝަން ޑިޕާޓްމަންޓް އައިސްގެ ބަންދުގައި މަރުވާ މީހުންގެ ނިސްބަތް ވަނީ ދެ ގުނައަށް އިތުރުވެފައެވެ. އަދި މިއީ ރައީސް ބައިޑަންގެ ވެރިކަމާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.

މަރުވި މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވަނީ އެތާނގެ ނަފްސާނީ އުދަގޫ ކުރުމުގެ ހާލަތަށް ކެތް ނުކުރެވިގެން އަމިއްލައަށް މަރުވެގެން ކަމަށް ރެކޯޑުކުރެވިފައިވާ ވެއެވެ.

އެ މަރުކަޒުތަކުގައި ގެންގުޅޭ އިންސާނިއްޔަތާ ޚިލާފު އަނިޔާ ކުރުމާއި ގަނާ ކުރުމުގެ އަމަލުތަކާއި ބާރުގެ ބޭނުންކުރުމާއި، އެކަހެރިކޮށް ބަންދުކުރުން ކުދި އަނިޔާކުރުން ފަދަ އަމަލުތަކުގެ ސަބަބުން މި މަރުތައް ހިނގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

ވޯލްކާ ޓާކް ފާހަގަކުރެއްވި ގޮތުގައި، މި މަރުކަޒުތަކުގައި ހިނގާ ކަންކަން ސިއްރުވުމަކީ ބޮޑު ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި މި މަރުތަކަކީ ހުއްޓުވޭނެ މަރުތަކެއްތޯ ބެލުމަށް ފުރިހަމަ ތަހުގީގެއް ބޭނުންވާ ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ ސަރުކާރުން އަންނަނީ ގިނަ އަދަދަކަށް ހިޖުރަވެރިން ގައުމުން ބޭރުކުރުމަށްޓަކައި، މީހުން ބަންދުކުރާ މަރުކަޒުތައް ގިނަ ކުރަނުންނެވެ. މި މަރުކަޒުތަކުގެ ތެރެއިން ބައެއް ތަންތަން ހިންގަނީ ކުލީ ސިފައިންނާއި އަމިއްލަ ކުންފުނިތަކުންނެވެ.

އދ. އިން ފާހަގަކުރާ ގޮތުގައި، 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް މީހުން އެކަހެރިކޮށް ބަންދުކުރުމަކީ އަނިޔާވެރި އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި އެމެރިކާގެ މި މަރުކަޒުތަކުގައި އެފަދަ އަމަލުތައް ހިންގާކަމުގެ ޝަކުވާތައް މިހާރު ވަނީ އިތުރުވެފައެވެ.

ހިއްސާ ކުރައްވާ!