ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިސްވެ ހުންނަވައިގެން އެ ގައުމުގެ ސިފައިން ސިޔާސީ މައިދާނުގައި ހިންގަމުން އަންނަ ބޮޑު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތުގެ ދަށުން، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ ގެ އިސް 6 ޖެނެރަލަކު އެ ގައުމުގެ އެންމެ މަތީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން ވަކިކޮށްފިއެވެ. މިއީ އަސްކަރީ އިސް ފަރާތްތަކާ ދެކޮޅަށް ޗައިނާއިން އަޅަމުން އަންނަ އެންމެ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
މި ފިޔަވަޅުތައް އިއުލާނުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިން ކޮމިޓީން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައިވާ ގޮތުން، ޖުމްލަ 13 މެންބަރެއްގެ މެންބަރުކަން ވަނީ އުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަސްކަރީ އިސްވެރިންގެ އިތުރުން މާލީ ރެގިއުލޭޓަރީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނާއި، ޝިންޖިއާން ސަރަހައްދުގެ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ސެކްރެޓަރީއެވެ.
މަގާމުން ވަކިކުރެވުނު އަސްކަރީ ވެރިންގެ ތެރޭގައި ޖެނެރަލް ޝުއީ ޝިއުއޭ ޗިއަންގް ފަދަ އިސް ބޭފުޅުން ހިމެނެއެވެ. މީގެ ކުރިން އޮކްޓޯބަރު މަހު ބޭއްވުނު ޕާޓީގެ މުހިންމު ބައްދަލުވުމެއްގައި ވެސް އޭނާ ފެންނަން ނެތުމުން، އޭނާއާ ދެކޮޅަށް ތަހުގީގުތަކެއް ހިނގަމުންދާ ކަމަށް މީގެ ކުރިން ވެސް ވަނީ އަޑުފެތުރިފައެވެ. މީގެ އިތުރުން، ޓިބެޓް އަދި ވެސްޓަން ތިއޭޓާ ކޮމާންޑް ފަދަ މުހިންމު ސަރަހައްދުތަކުގެ ވެރިން ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.
ޝީ ޖިންޕިންގްގެ އިންޒާރު: "ފަސާދަވެފައިވާ މީހުންނަށް ޖާގައެއް ނެތް"
ރައީސް ޝީ ޖިންޕިންގް ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ، ސިފައިންގެއަކީ ގައުމުގެ ހަތިޔާރު އަތުގައި އޮތް ބާރު ކަމަށްވާތީ، ޕާޓީއަށް ވަފާތެރި ނޫން އެއްވެސް ފަރާތަކަށް ޖާގައެއް ނެތް ކަމަށެވެ. މާރޗް މަހު ބޭއްވުނު އަހަރީ ބައްދަލުވުމުގައި ޝީ ވަނީ "ފަސާދަވެފައިވާ މީހުންނަށް ސިފައިންގެ ތެރޭގައި ހިޔާވަހިކަމެއް ނުލިބޭނެ" ކަމަށް ވަރުގަދައަށް އިންޒާރު ދެއްވާފައެވެ.
ސިޔާސީ މައިދާނަށް އައި ބޮޑެތި ބަދަލުތައް
މި ހަރަކާތަކީ ހަމައެކަނި ސިފައިންނަށް އަމާޒުކޮށް ކުރާ ކަމެއް ނޫނެވެ. ޝިންޖިއާންގެ ކުރީގެ ޕާޓީ ސެކްރެޓަރީ މާ ޝިންގް ރޫއީ އާއި ގުއާންގްޒޫގެ ކުރީގެ ސެކްރެޓަރީ ގުއޯ ޔޮންގް ހަންގް ފަދަ ސިޔާސީ އިސް ފަރާތްތައް ވެސް ވަނީ މަގާމުތަކުން ވަކިކޮށްފައެވެ. މި ބޭފުޅުންނާ ދެކޮޅަށް ޗައިނާގެ އެންޓި-ކޮރަޕްޝަން އޭޖެންސީން މިހާރު ގެންދަނީ ތަހުގީގުތައް ހިންގަމުންނެވެ.
ޗައިނާގެ 2022 ވަނަ އަހަރުގެ ނޭޝަނަލް ކޮންގްރެސްގައި އައްޔަން ކުރެވުނު ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ 7 މެންބަރުންގެ ތެރެއިން މިހާރު ބާކީ ތިބީ ރައީސް ޝީ ޖިންޕިންގް އާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިސްވެރިޔާ ޗަންގް ޝެންގްމިން އެކަންޏެވެ. މިއިން ވެސް އެނގެނީ ޗައިނާގެ އަސްކަރީ އަދި ސިޔާސީ އޮނިގަނޑު މުޅިން އާކޮށް، ރައީސް ޝީގެ ބާރު މުޅިން ކަށަވަރުކުރަމުންދާ ކަމެވެ. މި ހަރަކާތްތަކާ ގުޅިގެން ޗައިނާގެ ހަނގުރާމައިގެ ތައްޔާރީތަކާއި އަސްކަރީ ގާބިލްކަމާ މެދު ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.






