ޖެނޮސައިޑް ހުއްޓާލުމުގެ މަޝްވަރާތައް ޔަހޫދީންގެ ގެރިއަށް ވީގޮތަށް ވެއްޖެ!

ޣައްޒާގައި ހިނގަމުންދާ އދން ސިފަ ކުރާ ފަލަސްޠީނުގެ ޖެނޮސައިޑް ހުއްޓާލުމާ ގުޅޭގޮތުން ކުރެވެމުންދާ މަޝްވަރާތަކުގައި، އިޒްރޭލުން އަނެއްކާވެސް އާ ޝަރުތުތަކެއް ހުށަހަޅައިފިއެވެ. ޓްރަމްޕް އެކުަލާވާލާފައިވާ ސުލްހައާ ބެހޭ މަޖިލީހުން ހުށަހެޅި އިސްލާހުކުރެވުނު ކަރުދާހަށް ޖެނޮސައިޑް ރެޖީމުން ދިން ރައްދުގައި، ހަމާސް ޖަމާއަތުގެ އެއްވެސް މުވައްޒަފަކު އާ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ހިމެނުމަށް އިޒްރޭލުން ވަނީ ދެކޮޅު ހަދާފައެވެ.

ހަމާސަކީ ބަިއނަލްއަގްވާމީ ގާނޫނު ބުނާ ގޮތުން ހަތިޔާރުއެޅި ހަމަލަތައް ދިނުމަށާއި އަދި ހަތިޔާރު އަޅަައިގެން އުޅުމަށް ގާނޫނު ހުއްދަކުރާ އިސްތިއުމާރީ ޔަހޫދީންނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާނޫނީ ހައްގު އޮތް ފަރާތެކެވެ.

މި ޝަރުތުތަކާ ގުޅިގެން ހަމާސްގެ އިސް އޮފިޝަލުން ބުނެފައިވަނީ، މިއީ މަޝްވަރާތައް އަލުން ފެށުނު ހިސާބަށް ގެންދިއުމަށް އިޒްރޭލުން ކުރާ ކަމެއް ކަމަށެވެ. މީގެ ކުރިން އިސްލާހުކުރެވުނު ކަރުދާހުގައި، ހަމާސްގެ ދަށުން މަސައްކަތްކުރި މަދަނީ މުވައްޒަފުންނާއި ފުލުހުން އާ ސަރުކާރުގެ ތެރޭގައި ހިމެނުމަށް ހުއްދަ ދީފައި އޮތެވެ. ނަމަވެސް، ޔަހޫދީން ވަނީ މި އާ ރައްދުގައި އެ ފުރުސަތު ބަންދުކޮށްފައެވެ.

މީގެ އިތުރުން، ހަތިޔާރާ ބެހޭ މައްސަލަތަކުގައި ވެސް އިޒްރޭލުން ވަނީ އާ ޝަރުތުތަކެއް ކުރިމަތި ކޮށްފައެވެ. އެގޮތުން:

  1. ހުރިހާ ބާވަތެއްގެ ހަތިޔާރެއް (ލުއި އަދި ބަރު ހަތިޔާރު، އަދި އަސްކަރީ ހެދުންތައް ހިމެނޭހެން) ހަމާސް އަތުލައި ހަވާލުކުރަން ޖެހޭނެ ކަމަށް ވަނީ ޝަރުތުކޮށްފައެވެ. މާނައަކީ އިޒްރޭލުގެ އިސްތިއުމާރާއި އަނިޔާވެރިކަމާ ދެކޮޅަށް އެއްވެސް މަސައްކަތެއް ކުރުމަށް ހުއްދައެއް ނޯންނާނެއެވެ.

  2. މި މަސައްކަތްތައް ބެލެހެއްޓުން ޣައްޒާގެ ނޭޝަނަލް ކޮމިޓީއަށް ނުވަތަ ފަލަސްތީނުގެ އޮތޯރިޓީއަށް ނުދީ، ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖު "ސްޓެބިލިޒޭޝަން ފޯސް" އަށް ދިނުމަށް އިޒްރޭލުން ވަނީ އެދިފައެވެ.

ހަމާސްގެ ރައްދު: "މިއީ އުންމީދު ކަނޑާލުން ފަދަ ކަމެއް"

މިކަމާ ގުޅޭގޮތުން ހަމާސްގެ ފަރާތުން ބުނެފައިވަނީ، އިޒްރޭލުގެ މި ރައްދަކީ "ސުލްހައަށް އުންމީދު ކަނޑާލުން ފަދަ" ކަމެއް ކަމަށާއި، މި ހަނގުރާމަ ހުއްޓުވުމަށް އެމީހުން ބޭނުން ނުވާކަން މިކަމުން ސާބިތުވާ ކަމަށެވެ. ހަމާސް އާއި ފަލަސްތީނުގެ އެހެން ފެކްޝަންތަކުން ބުނާ ގޮތުގައި، އެމީހުން ވަނީ ވަރަށް ބޮޑު މެދުމިނެއް އިހްތިޔާރުކޮށް، ހަތިޔާރުތައް އެއް ކޮމިޓީއެއްގެ ދަށަށް ގެނައުމަށް އެއްބަސްވެފައެވެ. ނަމަވެސް އިޒްރޭލުން އަދިވެސް މަސައްކަތްކުރަނީ ފަލަސްޠީނުގެ މިނިވަންކަމުގެ ހަރަކާތް ހުއްޓުވަން ކަމަށް ހަމާސް އިން ތުހުމަތު ކުރެއެވެ.

ހަމާސްގެ އިސް މުފައްވިޒު ޚަލީލް އަލްހައްޔާ އިސްވެ ހުންނަވާ ވަފުދެއް ކުރިއަށް އޮތް ދުވަސްތަކުގައި މިޞްރަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގެ މަގްސަދަކީ އިޒްރޭލުގެ އާ ޝަރުތުތަކާ ގުޅޭގޮތުން ފަލަސްތީނުގެ ފެކްޝަންތަކުގެ ރަސްމީ ރައްދު މެދުވެރިންނާ ހިއްސާކުރުމެވެ. ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ، އެމީހުންގެ އެންމެ ބޮޑު އަމާޒަކީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަނގުރާމަ ހުއްޓުވުން ކަމަށެވެ.

ޣައްޒާ ހިންގުމަށް އެކުލަވާލި ގައުމީ ކޮމިޓީގެ މެންބަރުން ފާހަގަކުރާ ގޮތުގައި، އިޒްރޭލުން މި ކޮމިޓީގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ސަބަބުން ވޭތުވެދިޔަ ނުވަ މަސް ދުވަހު އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. އިޒްރޭލު ސިފައިން ޣައްޒާއިން ފައިބައި، އެހީ ފޯރުކޮށްދޭ މަގުތައް ހުޅުވައިދީ، އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުމަކީ ކޮމިޓީއަށް މަސައްކަތް ފެށުމަށްޓަކައި ކޮންމެހެން ބޭނުންވާ އަސާސީ ކަންކަމެވެ.

މި ހުރިހާ ކަމަކާ ގުޅިގެން، މި މަހުގެ ފަހުކޮޅު ސައިޕްރަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުން ހައްލެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ކޮމިޓީން ބުނެފައިވެއެވެ. ނަމަވެސް، އިޒްރޭލާއި ފަލަސްތީނުގެ ފެކްޝަންތަކުގެ ދެމެދުގައި ދާއިމީ ހައްލަކަށް ނާދެވޭހާ ހިނދަކު، މި ސަރަހައްދުގެ ހަމަނުޖެހުންތަކަށް ނިމުމެއް ނާންނާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!