އެމެރިކާއާއި އިޒްރޭލުގެ ގުޅުން: އެންމެ ގޯސް ދުވަސްތައް އަދި އޮތީ ކުރިއަށް..

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި ކުރިން އިޒްރޭލަށް ލިބެމުން އައި "ޚާއްސަ މަގާމު" މިހާރު ނެތް ކަމަށް އެމެރިކާއާއި އިޒްރޭލުގެ އޮފިޝަލުން ގަބޫލުކުރަން ފަށައިފިއެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ދައްކަވަމުން ގެންދަވާ ވާހަކަތަކުން ދޭހަވަނީ އިޒްރޭލާ މެދު ވޮޝިންގްޓަންގެ ވިސްނުމަށް އައިސްފައިވާ ބޮޑު ބަދަލެވެ.

އެމެރިކާގެ އޮފިޝަލުންނާއި، މި ގުޅުންތައް ގާތުން ދަންނަ ފަރާތްތަކުން ދެކޭ ގޮތުގައި، އިޒްރޭލު މިހާރު ތައްޔާރުވަމުން ދަނީ އެ ގައުމު ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ އެކަހެރިކަމަކާ ކުރިމަތިލާށެވެ.

މިދިޔަ ފެބްރުއަރީ މަހު އީރާނަށް ދިން ހަމަލާތަކަށްފަހު، އެމެރިކާއާއި އިޒްރޭލުގެ ގުޅުން "ރަން ޒަމާނަކަށް" ދާނެ ކަމަށް އިޒްރޭލުން އުންމީދު ކުރިއެވެ. ނަމަވެސް، އޭގެ ފަހުން ހިނގި ކަންތައްތަކުން އެ އުންމީދުތައް ފެނަށް ދިޔައީއެވެ. ވެންސް މިދިޔަ ހަފްތާގައި ވިދާޅުވީ، އިޒްރޭލަކީ މިހާރު ދުނިޔޭގައި "މާ ގިނަ އެކުވެރިން ނެތް" ގައުމެއް ކަމަށާއި، އެމެރިކާ ފިޔަވައި އިޒްރޭލަށް އޮތް ހަމައެކަނި ބާރުގަދަ އެކުވެރިޔާއާ މެދު ހަމަލާ ދިނުމުގެ ކުރިން ވިސްނަން ޖެހޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ 2025 ވަނަ އަހަރު 5 ފަހަރު ވޮޝިންގްޓަނަށް ދިޔަ ނަމަވެސް، މި އަހަރު އެއް ފަހަރު ފިޔަވައި އިތުރު ދަތުރެއް ތާވަލުކުރެވިފައެއް ނުވެއެވެ. އަދި ދެ ސަރުކާރުގެ ދެމެދުގައި ކުރެވޭ ފޯނު ކޯލުތައް ވެސް ވަރަށް ބޮޑަށް މަދުވެއްޖެއެވެ.

ވެންސްގެ ވާހަކަތަކުން އިޒްރޭލުގެ ބައެއް އޮފިޝަލުން ހައިރާންވި ނަމަވެސް، އޭނާ މީގެ ކުރިން ވެސް ވަނީ އެމެރިކާއާއި އިޒްރޭލުގެ މަސްލަހަތު އަބަދުވެސް އެއްގޮތް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިޒްރޭލުގެ ސަބަބުން އެމެރިކާ އީރާނާ ދެކޮޅަށް ހަނގުރާމައަކަށް ވެއްދިގެން ނުވާނެ ކަމަށް ވެސް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ޓްރަމްޕްގެ ސަރުކާރުން އީރާނާއެކު އެއްބަސްވުމަކަށް އައީ ތެލުގެ އަގު ކޮންޓްރޯލްކޮށް ހުރުމުޒް ކަނޑުއޮޅީގެ މިނިވަންކަން ކަށަވަރުކުރާށެވެ. ނަމަވެސް، އިޒްރޭލުން އީރާނުގެ މިސައިލްތަކާއި އެ ގައުމުގެ ނުފޫޒާމެދު ކަންބޮޑުވުން ފާޅުކުރުމުން، ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފާޑުވިދާޅުވެފައެވެ. ލުބުނާނުގައި އިޒްރޭލުން ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން މަޝްވަރާތަކަށް ބުރޫއަރާ ކަމަށް ބުނެ، ޓްރަމްޕް ވަނީ ނަތަންޔާހޫ "މޮޔައެއް" ކަމަށް ވެސް ސިފަކުރައްވާފައެވެ.

އެމެރިކާއާއި އިޒްރޭލުގައި ވެސް އިންތިޚާބުތައް ކައިރިވަމުން އަންނައިރު، މި ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެދާނެ ކަމަށް މާހިރުން ދެކެއެވެ. ނަތަންޔާހޫގެ ސިޔާސީ ކުރިމަގު ބިނާވެފައި އޮތީ އިޒްރޭލުގެ އިންތިޚާބުގެ ނަތީޖާއަށެވެ. ހަމައެފަދައިން، އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވެސް އިޒްރޭލާ އޮތް ގުޅުމާމެދު ދެބަސްވުންތައް އުފެދެމުންދާކަން ފާހަގަކުރެވެއެވެ.

އެމެރިކާއިން އިޒްރޭލަށް ދެމުން އައި "ޚާއްސަ ހިމާޔަތް" ނިމުމަކަށް އަންނަމުންދާ ކަމާއި، ކުރިއަށް އޮތީ އިޒްރޭލަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަން މިހާރު ދޭހަވެއެވެ.

ހިއްސާ ކުރައްވާ!