މެދުއިރުމަތީގެ ހަލަބޮލިކަން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، ވިޔަފާރި އުޅަނދަކަށް އަމާޒުކޮށް އީރާނުން ޑްރޯން ހަމަލާއެއް ދިން ކަމަށް ބުނެ، އެމެރިކާއިން އީރާނަށް ދެވަނަ ރޭ ވެސް ވައިގެ ހަމަލާތަކެއް ދީފިއެވެ.
ބައިނަލްއަގްވާމީ ގާނޫނާ ޚިލާފްވެ އެމެރިކާ އިން ދޭ އުދުވާނަށް ރައްދު ދިނުމަކީ އީރާނަށް ލިބިފައިވާ ސިޔާދަތީ ހައްގެކެވެ. މި ހައްގު އީރާނުން އަދި އަދި ބޭނުން ކުރިކަމެއް ސާފެއް ނުވެއެވެ. އާންމުކޮށް މި ހަމަލާތައް ވިލަރެސް ކުރަނީ ބަހުރައިން އިން ކަމަށް ވުމުން އީރާނުން ބަހުރައިންއަށް ހަމަލަ ދޭނެ ކަމަށް ބެލެވެއެވެ.
މި ހަމަލާތައް އައިސްފައި މިވަނީ، މިދިޔަ ޖޫން 17 ގައި އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ހަނގުރާމަ ހުއްޓާލުމުގެ އިސްލާމްއާބާދު ފަހުމުނާމާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑްއިން ބުނި ގޮތުގައި، ހޮނިހިރު ދުވަހު ދިން މި ހަމަލާތަކަކީ ވިޔަފާރި އުޅަނދުތަކަށް އީރާނުން ދެމުން އަންނަ ހަމަލާތަކަށް ދިން ރައްދެކެވެ. މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ ސަވައިލެންސް އުމްރާނީ ވަސީލަތްތަކާއި، މުއާސަލާތީ ނިޒާމުތަކާއި، ވައިގެ ދިފާއީ ބާރުތަކުގެ ސައިޓްތަކާއި އަދި ޑްރޯން ރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށްފައިވެއެވެ. މި ހަމަލާތައް އަރާފައިވަނީ އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށާއި ގޭޝްމް ޖަޒީރާ އަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުން މިފަދަ ހަމަލާތައް ހުއްޓާނުލައިފިނަމަ މިއަށްވުރެ ބޮޑެތި އަސްކަރީ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. "އީރާނުން މި ދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވަމުން. އެމީހުންނަށް ދުވަހަކުވެސް ނުވިސްނިދާނެ،" އިސްލާމްއާބާދު ފަހުމުނާމާއާ ޚިލާފަށް ދިން އުދުވާންގެ ދިފާއުގައި ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.
މި ހަމަނުޖެހުންތަކުގެ މައިގަނޑު ސަބަބަކީ ހުރުމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގެ މައްސަލައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމުގައި ކަނޑުއޮޅީގެ ސިޔާދަތު އީރާނަށް ލިބިގެންވާ ކަމަށް ގަބޫލުކުރެއެވެ. އަދި އެ ކަނޑުއޮޅިން ވިޔަފާރި އުޅަނދުތަކަށް ހުރަހެއް ނެތި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވެފައިވެއެވެ.
އެއްބަސްވުމުގެ މާނަކުރުންތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތީ ބޮޑު ހިޔާލުތަފާތުވުމެކެވެ. އީރާނުން ދެކޭ ގޮތުގައި އެ ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދެއް ވެސް އީރާނުގެ ހުއްދައާއެކު ދަތުރުކުރަން ޖެހޭނެއެވެ. އެމެރިކާއިން ދެކޭ ގޮތުގައި އެއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެއް ކަމުން ހުއްދަ ނެގުން ލާޒިމު ނޫނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، މި އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދިނުމުގެ ސިލްސިލާ މިހާރު މިވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ވަރަށް ބަލިކަށި އެއްޗެއްކަމުން، މި ހާލަތު އިތުރަށް ގޯސްވެ، ފުރިހަމަ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އެބައޮތެވެ.



