ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެއްރީ ލުބުނާނާއި އިޒްރޭލާ ދެމެދު އެމެރިކާގެ މެދުވެރިކަމާއެކު ސޮއިކުރި ފްރޭމްވޯކް އެއްބަސްވުމާ ދެކޮޅަށް އުފެދިފައިވާ ބައިބައިކަމަށް އިންޒާރެއް ދެއްވައިފިއެވެ. ބެއިރޫތުގެ ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުންތަކާއި މުޒާހަރާތަކަށްފަހު، އެ ގައުމުގެ އެތެރޭގެ ހަމަޖެހުން ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބެއްރީ ވަނީ ހުރިހާ ފަރާތްތަކަށް ހިތްވަރު ދެއްވައި ގައުމީ އެއްބައިވަންތަކަމަށް ގޮވާލައްވާފައެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީހް ބެއްރީ ދެއްވި ކުރު ބާރުގަދަ ބަޔާނުގައި ވިދާޅުވީ، މިހާރު މި ފެންނަމުންދާ ކަންކަމަކީ ގައުމުގެ މަސްލަހަތު ނަގާލާނެ ފިތުނައެއް ކަމަށެވެ. އޭނާ ލުބުނާނުގެ ރައްޔިތުންނަށް އިލްތިމާސްކުރެއްވީ، މިފަދަ ހަލަބޮލި ދަނޑިވަޅުތަކުގައި ފިތުނައިގެ އާލާތަކަށް ނުވުމަށާއި، ކެތްތެރިކަން އިސްކުރުމަށެވެ.
ބެއްރީގެ މި އިންޒާރަކީ ލުބުނާނުގެ ތާރީހީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ދެއްވި އިންޒާރެއް ކަމަށް ބެލެވެއެވެ. އެއްބަސްވުމާ ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތައް، ސިޔާސީ ކޯޅުމަކުން ފެށިގެން ގޮސް ގައުމީ އަދި ދީނީ ބައިބައިވުމަކަށް ބަދަލުވެދާނެ ކަމުގެ ބިރު އެމަނިކުފާނު ފާޅުކުރެއްވިއެވެ.
މި އެއްބަސްވުމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނަނީ، މިއީ ލުބުނާނުގެ ދާހިލީ ކަންކަމުގެ މައްޗަށް އިޒްރޭލުގެ ނުފޫޒު ގަދަކުރުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.
ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ނައީމް ގާސިމް، މި އެއްބަސްވުމަކީ އެމެރިކާ އާއި އިޒްރޭލުގެ ޕްރޮޖެކްޓްތަކުގެ ނާކާމިޔާބީ ކަމަށް ސިފަކުރައްވައި، "އާ މަރުހަލާއެއް" ފެށިއްޖެ ކަމަށް އިއުލާން ކުރެއްވިއެވެ.
އެއްބަސްވުމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މިއީ ގައުމުގެ ބާރުތައް އަލުން ގާއިމުކޮށް، ހަނގުރާމައިގެ ސިލްސިލާތައް ނިމުމަކަށް ގެނައުމަށް އޮތް މަގެއް ކަމަށެވެ.
ބެއިރުތުގެ މަގުތަކުގައި ފެނިގެންދިޔަ މުޒާހަރާތަކާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުން ދޭހަވަނީ، މި މައްސަލައިގައި ލުބުނާނުގެ ރައްޔިތުންގެ މެދުގައި އޮތް ބައިބައިވުމެވެ. ނަބީހް ބެރީގެ އިންޒާރަކީ ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް ސިޔާސީ ފަރާތްތަކުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ދެއްވި އެންމެ ފަހުގެ ހަނދާންކޮށްދިނުމެކެވެ.





