އީރާނާ ދެކޮޅަށް ސޮލީބީންނާއި ސަހުޔޫނީން ހިންގާ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ: ޚާމަނާއި

އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله މުޖްތަބާ ހާމަނާއީ ވިދާޅުވީ، މިހާރު ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގާނޫނީ މައްސަލައަކީ "ބައިނަލްއަގުވާމީ ކުށްވެރިންނާއި ދުނިޔޭގެ އަނިޔާވެރިން" އީރާނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް ގާނޫނީ ގޮތުން ކުރިއަށް ގެންދިއުމުގެ މައްސަލައެވެ.

އީރާނުގެ 'ޕްރެސް ޓީވީ' އިން ރިޕޯޓްކުރާ ގޮތުގައި، ޚާމަނާއީ ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހާއި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގި ދެ އުދުވާނީ ހަނގުރާމައިގައި ލިބުނު ގެއްލުންތަކަށް އަލިއަޅުވާލައްވާފައެވެ.

"އީރާނުގެ ރައްޔިތުންނަށް ލިބުނު ޖިސްމާނީ، ނަފްސާނީ، މާލީ އަދި ރޫހާނީ ގެއްލުންތަކަކީ، އެތައް ސަތޭކަ ނުވަތަ އެތައް ހާސް ގާނޫނީ މައްސަލަތަކެއް އުފެއްދޭނެ ބިންގާ،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚާމަނާއި އިތުރަށް ވިދާޅުވީ، ކުޑަކުދިން މެރުމާއި، ހަނގުރާމައިގެ ޖަރީމާތައް، ހާއްސަކޮށް މީނާބް ސްކޫލަށް ބޮންއަޅައި ކުޑަކުދިންނާއި މުދައްރިސުން ޝަހީދު ކުރުމުގެ ކަންކަން، އީރާނުގެ އެތެރޭގެ ކޯޓުތަކާއި ބައިނަލްއަގުވާމީ ކޯޓުތަކުގައި ވެސް ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޔަތުالله މުޖްތަބާ ޚާމަނާއީ ވަނީ މިކަން އިތުރަށް ތަކުރާރުކުރައްވާފައެވެ.

"އީރާނުގެ ކޮންމެ ފަރުދަކަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކަކީ – ކުޑަކުދިން ޝަހީދު ކުރުމުން ފެށިގެން މެޑިކަލް ސެންޓަރުތަކަށް ދިން ހަމަލާތަކާ ހަމައަށް – އެއީ ވަކިވަކި ގާނޫނީ ފައިލްތަކެއް. މިއީ ގައުމީ އަދި ބައިނަލްއަގުވާމީ ކޯޓުތަކުގައި ކުރިއަށް ގެންދަން ޖެހޭނެ ކަންކަން." އާޔަތުالله މުޖްތަބާ ޚާމަނާއީ ވިދާޅުވިއެވެ.

އީރާނުގެ ސުޕްރީމް ލީޑަރުގެ މި ގޮވާލެއްވުމަކީ، އެމެރިކާއާއި އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށާއި، އެ ގައުމުތަކުގެ ޖަރީމާތަކަށް ޒިންމާދާރު ކުރުވުން ކަށަވަރުކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ހިއްސާ ކުރައްވާ!