ގައުމަށް އެނބުރި ދިއުމަށް ހަސީނާ ފޮށިތަންމަތި ބަންނަނީ

ބަންގްލަދޭޝްގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަން ސާބިތުވެ، ޣައިރު ހާޒިރުގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ހުކުމްކޮށްފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، މިއަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫސް އެޖެންސީއެއް ކަމަށްވާ އެންޑީޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އުމުރުން 78 އަހަރުގެ ހަސީނާ ވިދާޅުވީ، އެކަމަނާގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނާ ޚިލާފު އަދި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ރާވައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި މަރުވުމަށް އެކަމަނާ ފަސްޖެހިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑާ ދެކޮޅަށް އެތައް ރޭވުންތަކެއް ރާވާފައިވޭ. އެހެންނަމަވެސް، އެ ހުރިހާ ހުރަސްތަކެއް ގިރާކޮށް، ރައްޔިތުންގެ ވޯޓުން ފަސް ފަހަރު ބޮޑުވަޒީރުކަން ކޮށްދީފައިވާތީ، މިއަހަރު ތެރޭގައި އަޅުގަނޑު ގައުމަށް އެނބުރި ދާނަން،" ހަސީނާ ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ އޮގަސްޓް މަހު، ދަރިވަރުންގެ އިސްނެގުމުގެ މަތިން ހިންގި ބޮޑެތި މުޒާހަރާތަކަކާ ގުޅިގެން، 15 އަހަރު ވަންދެން ވެރިކަން ކުރެއްވި ހަސީނާ ވަނީ ވެރިކަމުން ދުރުވެ، އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފައެވެ. އޭގެ ފަހުން އެކަމަނާ އާންމުކޮށް ފެނިފައި ވަނީ ވަރަށް މަދުންނެވެ.

ޑާކާގެ ކޯޓަކުން ހަސީނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައި ފައި ވެއެވެ. އަދި އެކަމަނާގެ ކުރީގެ ސިޔާސީ ޕާޓީ ކަމަށްވާ 'އަވާމީ ލީގް' ގެ ހަރަކާތްތައް މަނާކޮށްފައިވެއެވެ.

ފެބްރުއަރީ މަހު ބޭއްވި އިންތިހާބުގައި މިހާރުގެ ބޮޑުވަޒީރު ތާރިގު ރަހުމާން ކާމިޔާބީ ހޯއްދެވިއެވެ. ރަހުމާނަކީ ހަސީނާގެ ވެރިކަމުގައި ގެ ބަންދުކޮށް ބެހެއްޓެވި ކުރީގެ ބޮޑު ވަޒީރުގެ ދަރިފުޅެވެ!

ހިއްސާ ކުރައްވާ!