އެމެރިކާގެ ސަރަހައްދުގެ އަސްލު ވަޒަންވެރިން މިލިއަނުން ޝަހީދުކޮށްލުމަށް ފަހު އުފެއްދި ޖުމްހޫރިއްޔާ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ނާލާއިގް ޓްރަމްޕްގެ ފޮޓޯ ޖެހި އާ ޕާސްޕޯޓުތައް އިއުލާންކޮށްފިއެވެ. މި ޕާސްޕޯޓުގެ އެންމެ ހާއްސަ ސިފައަކީ، އޭގައި ހެވި ދިލިފައިވާ ރައީސް ޓްރަމްޕްގެ ފޮޓޯފުޅެއް ހިމަނާފައި އޮތުމެވެ.
ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި މި ޕާސްޕޯޓުގެ ކުރެހުންތައް ދައްކާލަމުން ވިދާޅުވީ، މިއީ "އެމެރިކާއަށް ވަޑައިގަންނަވާ ފަރާތްތަކަށް، 'މަރުހަބާ، އެކަމަކު ރަނގަޅަށް އުޅޭތި!'" މި މެސެޖު ދޭ ޕާސްޕޯޓެއް ކަމަށެވެ.
ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ އެމެރިކާ ރައްޔިތުން ގެންގުޅޭ ޕާސްޕޯޓެއްގައި އެހެން ބަޔަކަށް ދޭ މި ޒާތުގެ މެސެޖެއް ހިމެނުމަކީ ވަރަށް ސޭކު ކަމެއް ކަމަށެވެ!
މި ޕާސްޕޯޓުގެ ޑިޒައިނުން ފެންނަނީ މޭޒުކޮޅެއްގައި ލެނގިވަޑައިގެން ހުންނެވި ކިބުރުވެރި ޓްރަމްޕްގެ ފޮޓޯފުޅަކާއި އޭނާގެ ސޮޔެވެ. އަދި ފަހަތުން އެމެރިކާގެ މިނިވަންކަމުގެ ގަރާރުގެ ލިޔުންތައް ފެންނަން ހުރެއެވެ.
މި ފޮޓޯފުޅަކީ ވައިޓް ހައުސްގެ ފޮޓޯގްރާފަރު ޑެނިއަލް ޓޮރޮކް ނަގާފައިވާ ފޮޓޯއެއް ކަމަށް ބެލެވެއެވެ. ޕާސްޕޯޓުގެ އަނެއް ފަރާތުން ފެންނަނީ 1776 ވަނަ އަހަރު އެމެރިކާގެ މިނިވަންކަމުގެ ގަރާރުގައި ސޮއިކުރި މަންޒަރު ދައްކުވައިދޭ ކުރެހުމަކާއި "ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ 250″ މި އިބާރާތެވެ.
ވައިޓް ހައުސްއިން މި ޕާސްޕޯޓު ސިފަކޮށްފައިވަނީ ގައުމީ ލޯބި ދައްކުވައިދޭ ޕާސްޕޯޓްގެ ގޮތުގައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މީގެ ކުރިން ބުނެފައިވަނީ، ޖުލައި 6 ވަނަ ދުވަހުން ފެށިގެން މި ހާއްސަ ޕާސްޕޯޓު މަދު އަދަދަކަށް ލިބެން ހުންނާނެ ކަމަށެވެ. އަދި އެޕްރީލް މަހު އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ޕާސްޕޯޓުތައް ލިބޭނީ ހަމައެކަނި ވޮޝިންގްޓަންގައި ހުންނަ އޮފީހަށް އަމިއްލައަށް ހާޒިރުވެ، އެޕޮއިންޓްމަންޓް ހައްދައިގެންނެވެ. މިއީ އެމެރިކާގެ ޚަޒާނާއަށް ތްރަމްޕްގެ ސަރުކާރުން ފައިސާ ހޯދުމަށް ހެދި ހިންތާއެކެވެ.
ސަރުކާރުގެ އިދާރާތަކަށް އެމަނިކުފާނުގެ އަމިއްލަ ނިޝާންތައް ގިނަގިނައިން ބޭނުންކުރެއްވުމަށް ފިއްތަވާ ކިބުރުވެރި ޓްރަމްޕް، މީގެ ކުރިން ވެސް ސަރުކާރުގެ އިމާރާތްތަކުގެ ބޭރުގައި އޭނާގެ ދިދަތައް ނެގުމާއި، އެއް ޑޮލަރުގެ ނޫޓުގައި އޭނާގެ ސޮއި ހިމެނުމަށް ނިންމާފައިވެއެވެ. އަދި ޖޯން އެފް. ކެނެޑީ ސެންޓަރަށް އަމިއްލަ ނަން ދިނުމުން ކޯޓުން ވަނީ ހައިސިއްޔަތު އޮޅިގެން ނޫޅުމަށް އަމުރުކޮށްފައެވެ.




