އެމެރިކާއާއެކު ދާއިމީ އެއްބަސްވުމަކަށް އާދެވޭނީ ލުބުނާނުން އިޒްރޭލު ފޭބުމުން: އީރާން

އެމެރިކާއާއެކު ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި ލުބުނާނުގެ ހުރިހާ ސަރަހައްދަކުން އިޒްރޭލުގެ ސިފައިން ފައިބަން ޖެހޭނެ ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ މިކަން ހާމަކުރެއްވީ، އެމެރިކާއާއި އީރާނާ ދެމެދު މިހާރު އޮތް ވަގުތީ އެއްބަސްވުމަށް ކުރިމަތިވެފައިވާ ފިއްތުންތަކުގެ ތެރެއިންނެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިން ރިޕޯޓުކުރާ ގޮތުގައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި ލުބުނާނުން އިޒްރޭލުގެ އަޅުވެތިކަން ނިމުމަކަށް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން، މި މަހުގެ ކުރީކޮޅު ސޮއިކުރެވުނު އިސްލާމްއާބާދު ފަހުމުނާމާގައި ވާގޮތުން، ލުބުނާނު ހިމެނޭހެން ހުރިހާ ދިމާލަކުން އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ވެސް އީރާނުން ގޮވާލާފައިވެއެވެ.

އީރާނުގެ އިސް މަޝްވަރާކުރާ ފަރާތް، މުހައްމަދު ބާޤިރު ގާލިބާފް ވިދާޅުވީ، އީރާނުގެ އަމާޒަކީ ލުބުނާނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވައި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެނބުރި ގެދޮރަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިކަން ހާސިލުކުރުމަށް ލުބުނާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަބީހް ބައްރީއާ ގުޅިގެން ވަރަށް ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުން އަބަދުވެސް ދެކޮޅު ހަދަމުން އަންނަނީ ލުބުނާނުގެ ދެކުނުން ޔަހޫދީ ސިފައިން ފޭބުމަށެވެ. ސަބަބަކީ އީރާނުގެ އެހީތެރިކަން ލިބޭ ހިޒްބުﷲ ޖަމާއަތުން އިޒްރޭލުގެ އުތުރުގެ ރައްޔިތުންނަށް އަބަދުވެސް ނުރައްކާ އޮތުމެވެ.

މި މައްސަލައާ ގުޅިގެން ހުކުރު ދުވަހު އިޒްރޭލާއި ލުބުނާނުގެ ސަރުކާރުން އެއްބަސްވެފައިވަނީ، ލުބުނާނުގެ ސިފައިން މަޑުމަޑުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް ނެގުމަށެވެ. ނަމަވެސް ލުބުނާނުގެ ސިފައިންނަށް ހިޒްބުﷲގެ ހަތިޔާރުތައް އަތުލައި، އެމީހުން ދެކުނުން ބޭރުކުރުމުގެ ގާބިލުކަން އަދި ލިބިފައި ނުވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާއާއި އީރާނާ ދެމެދުވެވުނު ލިޔުމުގައި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިޒްރޭލުގެ ސިފައިން ދެކުނު ލުބުނާނުން ފޭބުމަށް ރަސްމީކޮށް އެ ލިޔުމުގައި ބުނެފައި ނުވުމަކީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ހިޔާލުތަފާތުވުމެވެ.

ހިއްސާ ކުރައްވާ!