އެމެރިކގައި ދެ އުދުހޭ ބޯޓު މުޑިއަރަން އުޅެނިކޮށް ސަލާމަތްކޮށްފި

މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަތީގައި ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގަން އުޅެނިކޮށް، ޕައިލެޓުންގެ ހުޝިޔާރުކަމުން ބޮޑު ކާރިސާއަކުން ސަލާމަތްވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި، ބާމިއުޑާއަށް ދަތުރުކުރަން ތައްޔާރުވަމުން ދިޔަ އެމެރިކަން އެއާލައިންސްގެ ފްލައިޓް 308 އިން ވަނީ ފުރަން އުޅެނިކޮށް ކުއްލިއަކަށް ހުއްޓާލާފައެވެ. އެއީ އެ އެއާލައިންގެ ޕައިލެޓުންނަށް، އެ ރަންވޭ މައްޗަށް އެހެން އަމިއްލަ ޖެޓެއް ވަދެފައިވާކަން ފާހަގަކުރެވުމުންނެވެ.

މި ދެ ބޯޓުގެ ދެމެދުގައި އޮތް ދުރުމިން އެންމެ ކުޑަވި ވަގުތު، ގާތްގަނޑަކަށް 540 މީޓަރަށް ގާތްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހާދިސާއަށްފަހު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ޕައިލެޓުންގެ ދެމެދުގައި ހޫނު ވާހަކަތަކެއް ބަދަލުކުރެވުނުކަން އާންމުވެފައިވާ އޯޑިއޯ ރެކޯޑިންތަކުން ވަނީ އެނގިފައެވެ.

"ތިޔަ ވަދެގެން ދަނީ އެކްޓިވް ރަންވޭއަކާ ދިމާއަށް،" އެއާ ޓްރެފިކް ކޮންޓްރޯލަރު ޕްރައިވެޓް ޖެޓުގެ ޕައިލެޓަށް އިންޒާރު ދިނެވެ.

މިކަމާ ގުޅިގެން ޕައިލެޓް ރައްދުގައި ބުނީ، އެއީ ޓަވަރުން ދިން ހުއްދައެއްގެ ދަށުން ކުރި ކަމެއް ކަމަށެވެ. ނަމަވެސް ކޮންޓްރޯލަރު ވަނީ އެ ހުއްދަ ދީފައިވަނީ އެހެން ބޯޓަކަށް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

އެމެރިކަން އެއާލައިންސްގެ ތަރުޖަމާނަކު ވިދާޅުވީ، ފްލައިޓުގެ ފަޅުވެރިންގެ ހުޝިޔާރުކަމުގެ ސަބަބުން ބޮޑު ނުރައްކަލެއް ހުއްޓުވުނު ކަމަށާއި، ފަހުން އެ ބޯޓު ރައްކާތެރިކަމާއެކު ބާމިއުޑާއަށް ދަތުރުކޮށްފައިވާ ކަމަށެވެ.

މިއީ ކަންކަން ދޯދިޔާ އެމެރިކާގެ ވައިގެ ބަނދަރުތަކުގައި ފަހަކަށް އައިސް ހިނގަމުންދާ މިފަދަ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. މީގެ ކުރިން ހުކުރު ދުވަހު ނިއުޖާޒީގައި ވެސް 'ޔުނައިޓެޑް އެއާލައިންސް’ގެ ބޯޓެއް ޑްރޯނަކާ ޖެހެން ކައިރިވެފައިވާ ކަމަށް ޕައިލެޓުން ވަނީ ރިޕޯޓުކޮށްފައެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!