ޣައްޒާގެ ނަސްލު ނައްތާލުމުގެ ޖަރީމާގެ ޒިންމާ އިޒްރޭލުން އުފުލަން ޖެހޭނެ: ރައީސް އުރުދުޣާން

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ އޭކޭ ޕާޓީން ސަކަރްޔާގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އުރުދުޣާން ވަނީ، އިޒްރޭލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަކީ ތުރުކީގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

އުރުދުޣާންގެ މި ވާހަކަތައް މި އައީ، އަރްމީނިއާގެ ނަސްލު ނައްތާލުމުގެ ޖަރީމާ، އާމީނިއަން ޖެނޮސައިޑް، ރަސްމީކޮށް ބަލައިގަތުމަށް އިއްޔެ އިޒްރޭލުގެ ސަރުކާރުން އިއްތިފާގުން ފާސްކޮށްފައިވަނިކޮށެވެ. މިއީ ތުރުކީއާ ދެކޮޅަށް އިޒްރޭލުން ފާޅުގައި އެޅި ސިޔާސީ ފިޔަވަޅެކެވެ.

އިޒްރޭލުގެ ޚާރިޖީ ވަޒީރު ގިޑިއޮން ސާރު ހުށަޅި ޔަހޫދީ ސަރުކާރުން ފސްކުރި މި ހުށަހެޅުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ، ޣައްޒާގައި އެތައް ހާސް ބަޔަކު ޝަހީދުކޮށް އިމާރާތްތައް ބިމާހަމަކޮށްލާފައިވާ ނަތަންޔާހޫގެ ސަރުކާރަކީ ޖަރީމާތަކުގެ އަސްލު ކަމަށެވެ. އަދި ނަތަންޔާހޫ އާއި އޭނާގެ "ގާތިލުންގެ ވިއުގަ" އިން ހިންގާ ޖަރީމާތަކުން ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް، ތުރުކީއާ ގުޅުންހުރި ތާރީޚީ ހަގީގަތެއް ނެތް މައްސަލަތައް އިޒްރޭލުން ބޭނުންކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ތާރީހީ ގޮތުން ބަލާއިރު، އިޒްރޭލުގެ ކުރީގެ ސަރުކާރުތަކުން އާރމީނިއަން ޖެނޮސައިޑްގެ މައްސަލަ ރަސްމީކޮށް ބަލައިނު ގަތީ ތުރުކީއާ އެކު އޮތް ސްޓްރެޓީޖިކް ގުޅުން ދެމެހެއްޓުމަށެވެ. ނަމަވެސް އުރުދުޣާންގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، މިހާރު މިވަނީ އެ ގުޅުން އަލުން އިއާދަ ނުކުރެވޭނެ ހިސާބަށް ގޮސްފައެވެ.

މި މައްސަލައާ ގުޅިގެން އާރމީނިއާގެ މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަފާތެވެ. އެގައުމުގެ ބޮޑުވަޒީރު ނިކޮލް ޕަޝީނިއަންގެ ސަރުކާރުން މިހާރު އިސްކަންދެނީ މާޒީގެ ތެރޭގައި ތާށިނުވެ، ތުރުކީއާ އޮތް ގުޅުން ރަނގަޅުކޮށް މުސްތަގުބަލަށް އަމާޒު ހިފުމަށެވެ. އަދި އާރމީނިއާގެ އޮފިޝަލުން ތުރުކީއަށް ކުރެއްވި ދަތުރުތަކަކީ މިކަމުގެ ހެއްކެއް ކަމަށް ބެލެވެއެވެ.

އިޒްރޭލުން އާރމީނިއަން ޖެނޮސައިޑް ބަލައިގަތުމަށް ނިންމި ނިންމުމަކީ ތުރުކީއާ ދެކޮޅަށް ހިންގި ބަދަލުހިފުމުގެ އަމަލެއް ނޫން ކަމަށް އިޒްރޭލުން ބުނި ނަމަވެސް، މި ފިޔަވަޅުގެ ސަބަބުން މިހާރުވެސް ނާޒުކުވެފައިވާ މެދުއިރުމަތީގެ ސިޔާސީ މަސްރަހު އިތުރަށް ގޯސްވެގެންދާނެ އެވެ.

ހިއްސާ ކުރައްވާ!