ޓްރަމްޕްގެ އައުލާދަށް ފަހިވާ ގޮތަށް ކޮރަޕްޓް ޑީލެއް ހަދާފާނެބާ؟

ޓްރަމްޕްގެ ދެ އައުލާދަށް ބޮޑު މަޝްރޫއަކުން ހިއްސާ ލިބިއްޖެ: ވިޔަފާރިއާއި ސިޔާސަތުގެ މައްސަލަ ބޮޑުވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އައުލާދުންގެ ތެރޭން ދެ ދަރިން ކަމަށްވާ ޑޮނަލްޑް ޖޫނިއާ އާއި އެރިކް ޓްރަމްޕް ހިއްސާވާ ޑޮމިނާރީ ސެކިއުރިޓީޒް ކުންފުނީގެ އިންވެސްޓަރުންނަށް، ކަޒަކިސްތާނުގައި ހިންގާ ޓަންގްސްޓަން މާއްދާ ނެގުމުގެ ބޮޑު މަޝްރޫއަކުން 20 ޕަސެންޓް ހިއްސާ ލިބިއްޖެ އެވެ.

ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކުރާ ގޮތުގައި، މި މުއާމަލާތް ހިންގާފައިވަނީ އެމެރިކާގެ ވިޔަފާރިއާ ބެހޭ ވަޒީރު ހޮވާޑް ލުޓްނިކް އާއި ރައީސް ޓްރަމްޕް، ކަޒަކިސްތާނުގެ ރައީސް ގާސިމް ޖޮމާރތް ޓޮކަޔޭވްއާ ސީދާ ގުޅުން ބަދަހިކުރައްވައި، އެމެރިކާގެ ކުންފުންޏަކަށް ކަޒަކިސްތާނުގެ ޓަންގްސްޓަން ރިޒާވްތަކަށް ވަނުމުގެ ފުރުސަތު ހޯއްދަވައިދެއްވިތާ މަދު ހަފުތާތަކެއްގެ ތެރޭގަ އެވެ.

މި މުއާމަލާތުގެ ތެރޭގައި "ކަންޓޯ ފިޓްޒްޖެރަލްޑް" ކުންފުނިން ވެސް މުހިންމު ދައުރެއް އަދާކޮށްފައިވެ އެވެ. މި ކުންފުންޏަކީ ވަޒީރު ލުޓްނިކްގެ އާއިލާގެ ބާރު އޮންނަ އަދި އޭނާގެ ދެ ދަރިކަލުން ކަމަށްވާ ބްރެންޑަން އާއި ކައިލް ބަލަހައްޓަވާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ މި މަޝްރޫއާ ގުޅުންހުރި އިންވެސްޓަރުންނަށް 210 މިލިއަން ޑޮލަރު އެއްކޮށްދީފަ އެވެ.

ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުން، މި ވިޔަފާރީގެ ފުރުސަތުތައް ފެނިވަޑައިގަތީ ހަމައެކަނި ރައީސް ޓްރަމްޕް އާއި ވަޒީރު ލުޓްނިކަށް އެކަންޏެއް ނޫނެވެ. އޭގެ ފަހުން، އެ ބޭފުޅުންގެ ދަރިން ވެސް ވަނީ އެ މަޝްރޫއުތަކުގެ ބައިވެރިންނާއެކު ވިޔަފާރީގެ މުއާމަލާތްތައް ފައްޓަވާފަ އެވެ. މިއީ ރައީސްގެ އާއިލީ ވިޔަފާރީގެ މަސްލަހަތުތަކާއި އެމެރިކާގެ ހާރިޖީ ސިޔާސަތުތަކާ ދެމެދު އޮތް ރޮނގު ފުސްވަމުންދާ ކަމުގެ ހެކިތަކެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

ޓްރަމްޕްގެ އާއިލީ ވިޔަފާރިތަކާއި އެމެރިކާގެ ސަރުކާރުގެ ޑިޕްލޮމެޓިކް މަސައްކަތްތައް އެއްފަހަރާ ދިމާވުމުން މިފަދަ ޝަކުވާތައް މީގެ ކުރިން ވެސް އުފެދިފައިވެ އެވެ.

މީގެ ކުރިން ސްލޮވީނިއާ، އަލްބޭނިއާ، އިންޑޮނޭޝިއާ، އަދި ސައުދީ އަރަބިއްޔާގައި ހިންގި ޓްރަމްޕްގެ އާއިލީ ޕްރޮޖެކްޓްތަކާ ގުޅިގެން ވެސް ހަމަ މިފަދަ ބޮޑެތި ބަހުސްތައް އުފެދުނެވެ. އެއީ އެ ގައުމުތަކުގައި އެމެރިކާއިން ކުރާ ސިޔާސީ މަޝްވަރާތަކާއި، ޓްރަމްޕް އާއިލާގެ ވިޔަފާރިތަކާ ދިމާވާތީ އެވެ.

މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ އިދާރާ އިން އަދި ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، މިއީ ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން އެމެރިކާގެ ސިޔާސީ މަސްރަހުގައި ބޮޑު ބަހުސަކަށް ވާނެކަން ކަށަވަރެވެ.

ހިއްސާ ކުރައްވާ!