"ނޭޝަން އޮފް އިސްލާމް" ގެ ފަސްޓް ލޭޑީ، ޚަދީޖާ އަވަހާވެއްޖެ

އެމެރިކާގެ ޗިކާގޯގައި ހަރަކާތްތެރިވާ ދީނީ ޖަމާއަތެއް ކަމަށްވާ ކަޅު ނަސްލުގެ މީހުންގެ "ނޭޝަން އޮފް އިސްލާމް" ގެ ލީޑަރު ލުއިސް ފަރާޚާންގެ އަނބިކަނބަލުން ޚަދީޖާ ފަރާޚާން، 90 އަހަރުގައި އަވަހާރަވެއްޖެ އެވެ. ޚަދީޖާ ފަރާޚާންގެ ހަޔާތްޕުޅަކީ 72 އަހަރު ދުވަހު ފިރިކަލުންނާއެކު އެފްރިކަން-އެމެރިކާ ދަރިކޮޅުގެ މީހުންގެ އިޖުތިމާއީ، ސިޔާސީ، އަދި ދީނީ ކުރިއެރުމަށް ކުރެއްވި ބުރަ މަސައްކަތުގެ ނަމޫނާއެކެވެ. މި ދެކަނބަލުންގެ މައި މަރުކަޒަކީ ޝިކާގޯގެ ދެކުނު ފަރާތުގައި ހުންނަ "މަސްޖިދު މަރްޔަމް" އެވެ.

އޭނާ އުފަންވެވަޑައިގެންނެވީ "ބެޓްސީ ރޮސް" ގެ ނަމުގަ އެވެ. 1953 ވަނަ އަހަރު ބޮސްޓަންގައި ލުއިސް ވޯލްކޮޓް (ފަރާޚާންގެ ކުރީގެ ނަން) އާ ކައިވެނި ބައްލަވައިގަތެވެ. މި ދެކަނބަލުންނަށް 9 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ.

އޭނާ އިސްލާމް ދީން ގަބޫލުކުރެއްވީ 1955 ވަނަ އަހަރު އެވެ. އެއީ ފިރިކަލުން ލުއިސް ފަރާޚާން، މަޝްހޫރު މެލްކަމް އެކްސް ގެ އަސަރުގައި "ނޭޝަން އޮފް އިސްލާމް" އާ ގުޅިވަޑައިގެންނެވި އަހަރެވެ. އެއަށްފަހު، އެ ދެކަނބަލުން ވަނީ އެބޭފުޅުންގެ ނަންތައް ބަދަލުކުރައްވާފަ އެވެ.

1930 ވަނަ އަހަރު އެމެރިކާގައި އުފެދުނު ނޭޝަން އޮފް އިސްލާމަކީ މި ހަރަކާތަކީ އިސްލާމީ އުސޫލުތަކާއި ކަޅު ނަސްލުގެ މީހުންގެ ގައުމިއްޔަތު އެކުލެވޭ ހަރަކާތެކެވެ. އެމީހުންގެ އަމާޒަކީ އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ރޫހާނީ، އިޖުތިމާއީ، އަދި އިގްތިސާދީ ހާލަތު ރަނގަޅުކުރުމުގެ ޖަމުއިއްޔާއެކެވެ.

މި ހަރަކާތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ޖަލުތަކުން މިނިވަންވާ މީހުން މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތް ހިމެނެ އެވެ. ނަމަވެސް، މި ޖަމާއަތުގެ ލީޑަރުން އިސްލާމީ ދައުވަތަށް ގޮވާލުމުން ޔަހޫދީން ވަނީ މިއީ ނަފްރަތު އުފައްދާ ޖަމާއަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ހިއްސާ ކުރައްވާ!