ޕާކިސްތާނުން އަފްޣާނިސްތާނަށް ހަމަލަ ދީފި

ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން، ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ހިންގި އިންޓެލިޖެންސް އޮޕަރޭޝަންތަކެއްގައި 29 ހަނގުރާމަވެރިން މަރާލައިފި އެވެ. މި ހަމަލާތަކަކީ ކަރާޗީ އާއި ޚައިބަރު ޕަޚްތުންޚުވާ އަދި ބަލޫޗިސްތާނުގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރުން ފެށި ވަރުގަދަ އޮޕަރޭޝަނެއް ކަމަށް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާ ތަރާރު ހާމަކުރެއްވި އެވެ.

މި އޮޕަރޭޝަންގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، ޚައިބަރު ޕަޚްތުންޚުވާގެ ބަޖޯރު ޑިސްޓްރިކްޓުގައި ހިންގި އިންޓެލިޖެންސް އޮޕަރޭޝަނެއްގައި، މަނާކޮށްފައިވާ ޖަމާއަތުލް އަޙްރާރުގެ އިސް ކޮމާންޑަރު ޚާން ފަރޯޝް، ނުވަތަ ޒަބަލް މަރާލުމެވެ. ސަލާމަތީ ބާރުތަކުން އޭނާ މަރާލީ ވަރަށް ސާފު އަދި ކާމިޔާބު އިންޓެލިޖެންސް މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ. މި ހަމަލާގައި ޒަބަލްގެ އިތުރުން އޭނާގެ ހަތަރު ބައިވެރިއަކު ވެސް މަރުވި އެވެ.

މިނިސްޓަރު ތަރާރު ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން އަފްޣާނިސްތާނުގެ ޕަކްތިއާ، ޕަކްތިކާ އަދި ކުނާރު ޕްރޮވިންސުގައި ހުރި ޓެރަރިސްޓުންގެ ތިން ހޮރެއް ސަލާމަތީ ބާރުތަކުން ފުނޑުފުނޑުކޮށްލާފައިވާ ކަމަށެވެ. މި ހަމަލާތަކުގައި 25 ޓެރަރިސްޓުން މަރުވިކަން ކަށަވަރުކޮށްދެއްވަމުން، އެ ތަންތަނުގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ހަތިޔާރާއި ވަޒަން ވެސް ސަލާމަތީ ބާރުތަކުން ހޯދިކަމަށް އޭނާ ވިދާޅުވި އެވެ.

މި އޮޕަރޭޝަންތައް ފެށީ ކަރާޗީގައި ހުންނަ ރޭންޖާސް ކޭމްޕަކަށް ދިން ނާކާމިޔާބު ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި ބައިވެރިވި އަފްޣާން ރައްޔިތަކު ހައްޔަރުކޮށް، އޭނާ ދިން ބަޔާނުން ގިނަ ކަންތައްތަކެއް ވަނީ ފަޅާއަރާފަ އެވެ. އުސްމާން އަލީ ކަމަށް ބުނާ އެ މީހާ ބުނާ ގޮތުގައި، އޭނާ ޕާކިސްތާނަށް އެތެރެވީ ހަމަލާ ދިނުމުގެ ހަތް ދުވަސް ކުރިންނެވެ. އޭނާ އަދި އޭނާގެ ބައިވެރިން ކަމަށްވާ އަބްދުލް ހާދީ، ޖަނާން، އަދި އުމަރު ފާރޫގު ވަނީ އެ ހަމަލާ ރާވައިފަ އެވެ. އޭގެ ތެރެއިން އަބްދުލް ހާދީ މިހާރު މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ. ހައްޔަރުކުރެވުނު މީހާ އިތުރަށް ބުނާ ގޮތުގައި، އެ މީހުންނަށް ތަމްރީނު ދިނީ އަފްޣާނިސްތާނުގަ އެވެ.

ހިއްސާ ކުރައްވާ!