ޕާކިސްތާނުގެ ސަރުކާރުން އެ ގައުމުގައި ގަވައިދާ ހިލާފަށް ދިރިއުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ހައްޔަރުކޮށް، އަނބުރާ ފޮނުވާލުމުގެ އޮޕަރޭޝަން ވަރުގަދަކޮށްފި އެވެ. ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން މިހާރު ވަނީ މި މަސައްކަތް އެންމެ އިސްކަމެއް ދީގެން ކުރުމަށް އެ ގައުމުގެ ޕްރޮވިންޝަލް ސަރުކާރުތަކަށާއި ފުލުހުންގެ އިދާރާތަކަށް އަންގާފަ އެވެ.
ޕާކިސްތާނުގެ ދާހިލީ ވުޒާރާއިން ނެރުނު އާ އަމުރުގައި ވަނީ ޖުލައި 10، 2026 އަކީ ގަވައިދާ ހިލާފަށް ދިރިއުޅޭ އަފްޣާން ރައްޔިތުން ހައްޔަރުކުރުމުގެ ފަހު ތާރީހު ކަމުގައި ކަނޑައަޅައިފަ އެވެ. މި އަމުރު ތަންފީޒު ކުރުމަށްޓަކައި ޕާކިސްތާނުގެ ހަތަރު ޕްރޮވިންސުގެ ޗީފް ސެކްރެޓަރީންނާއި، ޕްރޮވިންޝަލް ފުލުހުންގެ ވެރިން (އައިޖީޕީ)، އަދި އިސްލާމްއާބާދުގެ އިދާރީ ވެރިންނަށް ސަރުކާރުން ވަނީ ހަރުކަށި އަމުރުތަކެއް ފޮނުވާފަ އެވެ. މި އަމުރުގައި ބުނެފައިވާ ގޮތުން، ޖުލައި 11 އިން ފެށިގެން ހައްޔަރުކުރާ މީހުންގެ އަދަދާއި، އެ މީހުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު ރިޕޯޓުތައް ކޮންމެ ދުވަހަކު މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ.
މި ފިޔަވަޅުތައް އަޅަމުން މިދަނީ "އިލީގަލް ފޮރިން އޭޖެންޓްސް ރެޕަޓްރިއޭޝަން ޕްލޭން" ގެ ދަށުންނެވެ. މި ޕްލޭންގެ މައިގަނޑު ބޭނުމަކީ ވިސާއެއް ނެތި ނުވަތަ ވިސާގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ޕާކިސްތާނުން ބޭރުކުރުމެވެ. މި އަމުރުގެ ސަބަބުން މިހާރު ވެސް ޣައްޒާ ފަދަ ހަނގުރާމައިގެ ހާލަތު އޮތް ސަރަހައްދުތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ އަސަރު ރެފިއުޖީންނަށް ކުރަމުންދާ ދަނޑިވަޅެއްގައި، އެތައް ހާސް އަފްޣާން ރައްޔިތުންނެއްގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެ އެވެ.
ސަރުކާރުން މި އަމުރު ތަންފީޒު ކުރަނީ ވަރަށް ބޮޑު އިސްކަމެއް ދީގެންނެވެ. ފުލުހުންނާއި ލޯ އެންފޯސްމަންޓް އެޖެންސީތަކުން މިހާރު ވެސް އަންނަނީ ގޭގެއަށް ގޮސް ބަލައި ފާސްކުރުމާއި، ގަވައިދާ ހިލާފަށް އުޅޭ މީހުން ހޯދުމުގެ މަސައްކަތްތައް ފަށާފަ އެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރައްޔިތުންގެ މެދުގައި ބިރުވެރިކަން ވަނީ އުފެދިފަ އެވެ.






