އަވާމީ ލީގުގެ ސަރުކާރު ވެއްޓުމާ ގުޅިގެން ޑރ. މުހައްމަދު ޔޫނުސްގެ ލީޑަޝިޕްގެ ދަށުން ބަންގްލަދޭޝްގައި އުފެދުނު ވަގުތީ ސަރުކާރަށް ރައްޔިތުން ކުރި އުންމީދުތައް ވަރަށް ބޮޑެވެ. ނަމަވެސް އެ ސަރުކާރުގެ 18 މަސްދުވަހުގެ ރެކޯޑާ މެދު މިހާރު ވަނީ ބޮޑެތި ސުވާލުތަކާއި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. ސިޔާސީ މުހައްލިލުންނާއި ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި، ގައުމީ އިސްލާހީ ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި، ސަރުކާރުގެ ހިންގުން ބަދަލުވެގެންދިޔައީ ބޭރު ގައުމުތަކުގެ ސިޓިޒަންޝިޕް އޮތް، ރައްޔިތުންނަށް ޖަވާބުދާރީވާން ނުޖެހޭ މަދަނީ ޖަމިއްޔާތަކުގެ ނުފޫޒުގަދަ "ކިޗަން ކެބިނެޓެއް" ގެ ބާރުގެ ދަށަށެވެ.
ގައުމީ އެއްބައިވަންތަކަމެއް ގާއިމުކުރުމުގެ ބަދަލުގައި، ސަރުކާރުން ބަދަލުހިފުމުގެ ސިޔާސަތެއް ގެންގުޅެ، ގާނޫނީ ވަކީލުންނާއި، ސިޔާސީ ވެރިން، ނޫސްވެރިން އަދި އެކަޑެމިކްސް ބަންދުކޮށްފައިވާ ކަމުގެ ތުހުމަތު އެބައޮތެވެ.
މީގެ އިތުރުން ޖަމާއަތޭ އިސްލާމީ އަދި ނޭޝަނަލް ސިޓިޒަން ޕާޓީއިން ސަރުކާރު ހިންގުމަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން އިތުރުވެފައިވާ ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ބަންގްލަދޭޝްގެ ރިޕޯޓުތަކުން ދައްކައެވެ. ވަގުތީ ސަރުކާރުގެ މުޝީރުންނަށް ފާރަވެރިވާނެ ޕާލިމަންޓެއް ނެތުމުން، އެއްވެސް ޖަވާބުދާރީވުމެއް ނެތި ކަންކަން ހިންގާފައިވާ ކަމަށް ބުނެވެއެވެ.
ޑރ. ޔޫނުސްގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަމަށް ދައުލަތުގެ ބާރު ބޭނުންކުރި ކަމުގެ ތުހުމަތުވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން އޭނާގެ މައްޗަށް އޮތް ކޮރަޕްޝަނާއި ޓެކްސްގެ މައްސަލަތައް އަނބުރާ ގެންދިއުމާއި، އޭނާގެ ވިޔަފާރިތަކާ ގުޅުންހުރި ކުންފުނިތަކަށް މޭންޕަވަރ އެކްސްޕޯޓް ލައިސަންސް ދިނުން ހިމެނެއެވެ. އަދި އެމެރިކާއާއެކު ސޮއިކުރި ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިގްތިސާދީ ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެވެއެވެ. ގައުމުގައި ތައުހީދީ ޖަނަތާ ފަދަ ގްރޫޕުތަކުން ހިންގާ ހަމަނުޖެހުން ހުއްޓުވަން ސަރުކާރު ނުކުޅެދުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވުމަކީވެސް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން، މި ސަރުކާރުން ހިންގި މިފަދަ ނާޖާއިޒު ކަންކަމާ މެދު މިނިވަން ތަހުގީގެއް ހިންގައި، ކޮންމެ ސަރުކާރެއްވެސް އެއް އުސޫލަކުން ޖަވާބުދާރީކުރުވަން ޖެހޭ ކަމަށް މުހައްލިލުން ގޮވާލައެވެ.





