ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އުތުރުގައި ބޭއްވި ފުރަތަމަ ގްރޫޕް ކައިވެނީގައި 150 ޖޯޑު ކައިވެނި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޖެނޮސައިޑް ހަމަލާތަކާއި ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ކޭމްޕުގައި، ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ޖަމާއީ ކައިވެނީގެ ޙަފުލާއެއްގައި 150 ޖޯޑުތައް ކައިވެނި ކޮށްފިއެވެ. މިއީ ނަސްލު ފޮހެލުމާއި، ގެދޮރު ގެއްލުވާލުމާއި، އަދި ހިސާރަ ކުރުމުގެ ތެރޭގައިވެސް ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅުމާއިގެން ކުރިއަށްދާން ބޭނުންވާކަން ދުނިޔެއަށް ސާބިތުކޮށްދިން މަންޒަރެކެވެ.

މި ކައިވެނީގެ ހަރަކާތްތައް ފެށުނީ ޖަބަލިއާ ކޭމްޕުގެ މަގުތަކުންނެވެ. ކައިވެނިކުރި ޒުވާނުންނާއި އެމީހުންގެ އާއިލާތަކުން މަގުތަކަށް އެއްވެ، އަޑުގޮއްވައި ބެރުގެ މިއުޒިކާއެކު، ހަނގުރާމައިގައި ސުންނާފަތިވެފައިވާ އަވަށްތަކުގެ ތެރެއިން ހިނގާފައި ގޮސް، މިކަމަށްޓަކައި ޚާއްޞަކޮށް ތައްޔާރުކުރެވުނު ބޮޑު މާލަމަކަށް ޖަމާވިއެވެ. މި ޙަފުލާގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އަންހެނުން އަދި ފިރިހެނުން ބައިވެރިވިއެވެ.

ކައިވެނިކުރި ފިރިހެން ޒުވާނުން ތިބީ ފަލަސްޠީނުގެ ގައުމީ ރަމްޒެއް ކަމަށްވާ ކޫފިއްޔާ އަޅައިގެންނެވެ. އަދި އަންހެން ކުދިން ތިބީ ޣައްޒާގެ ސަގާފީ ހެދުންތަކުގައެވެ. މިއީ ކިތަންމެ ނިކަމެތި ހާލެއްގައިވެސް އެމީހުންގެ ގައުމީ ވަތަންދަރިކަން ދަމަހައްޓާނެކަން ހާމަކޮށްދިން ކަމެކެވެ. އަލްޖަޒީރާ މުބާޝިރުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ 2023 އޮކްޓޫބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އުތުރުގައި ބޭއްވި މިފަދަ ފުރަތަމަ އިޖުތިމާއީ ބޮޑު ހަރަކާތެވެ.

މި ޙަފުލާގައި ބައިވެރިވި އެކަކު ކިޔައިދިން ގޮތުގައި، މި ކައިވެނިތަކަކީ ކިތަންމެ ނާމާން ހާލަތެއްގައިވެސް ކައިވެނިކުރުމުގެ ކީރިތި ރަސޫލާގެ ސުންނަތް ގާއިމުކުރުމާއި، މި ބިމުގައި ފަލަސްޠީނު މީހުން ދެމިތިބޭނެކަން ޔަހޫދީންނަށް ސާބިތުކޮށް ދިނުމެކެވެ. ކައިވެނިކުރި އެއް ޒުވާނަކު ހިތާމައާއެކު ހާމަކުރި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން އޭނާގެ އާއިލާގެ 200 އެއްހާ މީހުން ވަނީ ޝަހީދުވެ ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެހެންކަމުން މި އުފާވެރިކަމާ ދެމެދުގައިވަނީ ފުން ހިތާމަތަކެކެވެ.

ފަލަސްޠީނުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ޣައްޒާގެ އުތުރުގައި ހުރި ގެދޮރުގެ 70 އިންސައްތައަށްވުރެ ގިނަ ތަންތަން ޔަހޫދީން ވަނީ މުޅިން ހަލާކުކޮށްލާފައެވެ. އަދި އެތައް އަވަށެއްގެ ރައްޔިތުން ޔަހޫދީން ވަނީ ގަދަކަމުން ބޭރުކޮށްލާފައެވެ. ނަމަވެސް، މިފަދަ ގްރޫޕް ކައިވެނިތަކުން ފަލަސްޠީނުގެ ރައްޔިތުން ދުނިޔެއަށް ދޭ މެސެޖަކީ، ހިތާމައާއި ޔަހޫދީންގެ ސުންނާފަތި ކުރުމުގެ ތެރެއިންވެސް އުންމީދާއި އުފާވެރިކަން އުފެއްދިދާނެ ކަމެވެ.

ހިއްސާ ކުރައްވާ!