ބަކްލާވާގެ މިލްކުވެރިކަމަށް ތިން ގައުމުން ދައުވާ ކުރަނީ

ތުރުކީ އާއި އަޒަރުބައިޖާނުން ގުޅިގެން، މަޝްހޫރު ފޮނިކާ އެއްޗެއް ކަމަށްވާ ބަކްލާވާ އަކީ އެ ގައުމުތަކުގެ ސަގާފީ ތަރިކައެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި އދ ގެ ސައިންސާއި ސަގާފަތާ ބެހޭ ޖަމްއިއްޔާ (ޔުނެސްކޯ) އަށް ރަސްމީކޮށް ހުށަހަޅައިފިއެވެ. މި ދެ ގައުމުން މިފަދަ ފިޔަވަޅެއް މި އެޅީ، މި ފޮނިކާ އެއްޗަކީ އެ ގައުމުގެ އަމިއްލަ އެއްޗެއް ކަމަށް ބުނެ ގްރީސުން ވެސް ދައުވާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ތުރުކީގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުން މަސައްކަތް ކުރަނީ ތުރުކީގައި ކިޔާ ނަމެއް ކަމަށްވާ ބަކްލާވާ އަދި އަޒަރުބައިޖާނުގައި ކިޔާ ނަމެއް ކަމަށްވާ ޕަކްލާވާ މި ދެ ނަމުން މި ފޮނިކާ އެއްޗަކީ އިންސާނިއްޔަތުގެ މާއްދީނޫން ސަގާފީ ތަރިކައިގެ ލިސްޓުގައި ހިމެނައި ދިނުމަށެވެ.

މީގެ މައިގަނޑު ބޭނުމަކީ ބަކްލާވާގެ އަސްލާ ބެހޭގޮތުން ގްރީސް ފަދަ ސަރަހައްދީ އެހެން ގައުމުތަކާއެކު އުފެދިފައިވާ ދަޢުވާތަކަށް ދާއިމީ ހައްލެއް ހޯދުމެވެ. މި ހުށަހެޅުމާ މެދު ޔުނެސްކޯއިން ވަކި ގޮތެއް ނިންމާނީ މިއަހަރުގެ ނޮވެމްބަރު 30ން ޑިސެމްބަރު 5ށް ޗައިނާގެ ޝިއާމެން ސިޓީގައި ބާއްވާ ބައްދަލުވުމުގައެވެ.

ބަކްލާވާގެ ތާރީޚަށް ބަލާއިރު، ސޫރިޔާއިން މިހާތަނަށް ޔުނެސްކޯއަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވި ނަމަވެސް، އެ ގައުމުގެ ދިިމިޝްގާއި ޙަލަބަކީ ބަކްލާވާ އުފެއްދުމުގެ ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ މުހިންމު ދެ ސިޓީއެވެ.

ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ބަކްލާވާ ހެދުމަށް ބޭނުންކުރާ ތުނި ފަށަލަތަކުގެ ފުށްގަނޑު ކަމަށްވާ ފީލޯ ތައްޔާރުކުރުމުގެ ފަންނުވެރިކަން ދުނިޔެއަށް ދަސްކޮށްދިނުމުގައި ސޫރިޔާގެ ކައްކާއިން ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. އަދި ތުރުކީގައި މިހާރު ތިބި ބައެއް ބޮޑެތި ބަކްލާވާ އުފައްދާ މީހުންނަކީވެސް ސޫރިޔާއިން މި މަސައްކަތުގެ އަސްލު ދަސްކޮށްގެން ތިބި މީހުންނެވެ.

އަސްލުގައި ބަކްލާވާއަކީ އަނަޓޯލިއާ، ބަލްކަން އަދި ސޫރިޔާ ހިމެނޭ ބޮޑު ސަރަހައްދެއްގެ އެތައް ޖީލެއްގެ މީހުން ހިއްސާކުރާ ސަގާފީ ފޮނިކާ އެއްޗެކެވެ.

ހިއްސާ ކުރައްވާ!