ޖުމްހޫރިއްޔާއެއްގެ ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ

ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔާއެއްގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތް އަންހެން ބޭފުޅަކީ އާޖެންޓީނާގެ ކުރީގެ ރައީސް އިޒަބެލް ޕެރޮންއެވެ. 1974ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހު އޭނާ މި މަގާމާ ހަވާލުވެވަޑައިގަތީ، އޭނާގެ ފިރިކަލުން އަދި ގައުމުގެ ރައީސް ޚުއާން ޕެރޮން އަވަހާރަވުމާ ގުޅިގެން، ގައުމުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ގާނޫނީ ހަމަތަކުގެ މަތިންނެވެ.

އިޒަބެލް ޕެރޮން އުފަންވެވަޑައިގަތީ 1931ވަނަ އަހަރުގެ ފެބްރުއަރީ މަހު އާޖެންޓީނާގެ ލާ ރިއޯހާއަށެވެ. ޒުވާން ދުވަސްވަރު މިއުޒިކާއި ނެށުން ދަސްކުރައްވައި، ނެށުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އޭނާގެ ފިރިކަލުން ޚުއާން ޕެރޮންއާ ފުރަތަމަ ބައްދަލުވީ 1925ވަނަ އަހަރު، އަސްކަރީ ބަޣާވާތަކުން ޚުއާންގެ ވެރިކަން ވައްޓާލައި ގައުމުން ބޭރުކޮށްލާފައި ވަނިކޮށް ޕެނަމާގައެވެ. އޭގެ ފަހުން އޭނާގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، 1961ވަނަ އަހަރު ދެބޭފުޅުން ކައިވެނި ބައްލަވައިގަތެވެ.

އެތައް އަހަރެއްގެ އަރުވާލުމަށްފަހު، 1973ވަނަ އަހަރު ޚުއާން ޕެރޮން އަލުން ގައުމަށް އެނބުރި ވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު، ނައިބު ރައީސެއްގެ ގޮތުގައި އިޚްތިޔާރު ކުރެއްވީ އަނބިކަނބަލުން އިޒަބެލްއެވެ. ނަމަވެސް، ވެރިކަމަށް އަހަރެއް ނުވަނީސް ފިރިކަލުން އަވަހާރަވުމުން، ގައުމުގެ ރައީސްކަން އިޒަބެލްއަށް ލިބިވަޑައިގަތެވެ.

އިޒަބެލްގެ ވެރިކަމުގެ ދެ އަހަރެއްހާ ދުވަސް ވެގެންދިޔައީ އާޖެންޓީނާގެ ތާރީޚުގައި ވަރަށް ހަލަބޮލި އަދި ދަތި ދުވަސްވަރަކަށެވެ. ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދިޔައެވެ. މީގެ އިތުރުން، ސިޔާސީ ގޮތުން ގައުމު ބައިބައިވެ، ވާތުފިޔައިގެ އަދި ކަނާތުފިޔައިގެ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެދުގައި ބޮޑެތި ކުރިމަތިލުންތަކާއި ލޭއޮހޮރުވުންތައް ހިނގަމުންދިޔައެވެ. މި ހަލަބޮލިކަމުގެ ތެރޭގައި، 1976ވަނަ އަހަރުގެ މާރިޗު މަހުގެ 24ވަނަ ދުވަހު އާޖެންޓީނާގެ ސިފައިން އެމެރިކާ އަޑީގައި އޮވެގެން ބަޣާވާތެއް ގެނަސް އޭނާގެ ވެރިކަން ވައްޓާލިއެވެ.

ވެރިކަން ވައްޓާލުމަށްފަހު، ސިފައިން އޭނާ 5 އަހަރަށްވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓިއެވެ. 1981ވަނަ އަހަރު މިނިވަންކުރުމުން އޭނާ ދިރިއުޅުން ބަދަލުކުރެއްވީ ސްޕެއިނަށެވެ. މިހާރުވެސް އޭނާ ދިރިއުޅުއްވަމުން ދަނީ މެޑްރިޑްގެ ރަށްބޭރުގައި، އެކަހެރި ދިރިއުޅުއްވުމެކެވެ.

އިޒަބެލް ޕެރޮންއަކީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޖުމްހޫރިއްޔާއެއްގެ ރައީސްކަން ކުރެއްވި އަންހެން ބޭފުޅާ ކަމުގައި ވިޔަސް، އޭނާ އެ މަގާމަށް ވަޑައިގަތީ ސީދާ ރައްޔިތުންގެ ވޯޓަކުންނެއް ނޫނެވެ. ދުނިޔޭގެ ތާރީޚުގައި ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރި ފުރަތަމަ އަންހެން ރައީސަކީ 1986ވަނަ އަހަރު އައިސްލޭންޑްގެ ރައީސްކަމަށް ހޮވުނު ވިގްދިސް ފިންބޮގަދޯޓިރްއެވެ.

ހިއްސާ ކުރައްވާ!