ލޮލުގެ ވަރުބަލިކަން ކުޑަކުރުމަށްޓަކައި ވިންޑޯސް 11 އަށް އާ ފީޗާތަކެއް

މައިކްރޯސޮފްޓް ކުންފުނިން ދަނީ ކޮމްޕިއުޓަރު ކުރިމަތީގައި ގިނަ ވަގުތު ހޭދަކުރާ މީހުންގެ ލޮލަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ވިންޑޯސް 11 އަށް "ސްކްރީން ޓިންޓް"  ގެ ނަމުގައި އާ ފީޗާއެއް ތައުލީމީ ގޮތުން ތަޖުރިބާކުރަން ފަށާފައެވެ. މިއީ ޚާއްސަކޮށް ގިނަ އިރުވަންދެން މަސައްކަތްކުރާ މީހުންނާއި ގޭމް ކުޅޭ މީހުންނަށް ލޮލުގެ ވަރުބަލިކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ފީޗާއެކެވެ.

އެކުންފުނިން ހާމަކުރި ގޮތުގައި، މި އާ ފީޗާއަކީ ވިންޑޯސްގައި މިހާރުވެސް ހުންނަ ނައިޓް ލައިޓް އާ މުޅިން ތަފާތު ފީޗާއެކެވެ. ނައިޓް ލައިޓުން ސްކްރީނުގެ ނޫކުލަ މަޑުކޮށްދޭއިރު، މި އާ ސްކްރީން ޓިންޓް އިން ކުރާ ކަމަކީ މުޅި ސްކްރީނުގެ މައްޗަށް ކުލައިގެ ފަށަލައެއް އެޅުވުމެވެ. މީގެ ސަބަބުން ސްކްރީނުގެ ސާފު އަލިގަދަކަން ކުޑަވެ، ލޮލަށް ބަލަން ފަސޭހަވެގެންދެއެވެ.

މި ފީޗާ މިހާރު ލިބެން ހުރީ ވިންޑޯސް އިންސައިޑާ ޕްރޮގްރާމުގެ v29617.1000 ޓެސްޓުވާޝަނުގައެވެ. މި ފީޗާ ބޭނުންކުރާ މީހުންނަށް ކުރިން ތައްޔާރުކޮށްފައިވާ 6 ކުލައެއްގެ ތެރެއިން ކުލައެއް އިޚްތިޔާރު ކުރެވިދާނެއެވެ. ނުވަތަ އަމިއްލައަށް ބޭނުންވާ ގޮތަށް ކުލަ ބަދަލުކޮށް، އެ ކުލައެއްގެ ގަދަމިން ވެސް ކަނޑައެޅިދާނެއެވެ. މި ފީޗާ އެކްޓިވް ކުރުމަށްޓަކައި ސެޓިންގްސްގެ ތެރެއިން އެކްސެސިބިލިޓީ އަށް ގޮސް "ވިޜަން" ސެކްޝަނުން ފަސޭހަކަމާއެކު ބަދަލުކޮށްލެވޭނެއެވެ.

މައިކްރޯސޮފްޓުން ބުނާގޮތުގައި ސްކްރީން ޓިންޓް އަދި ނައިޓް ލައިޓް މި ދެ ފީޗާ އެއްވަގުތެއްގައިވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ސްކްރީން ޓިންޓް އެކްޓިވް ކުރުމުން މިހާރު ވިންޑޯސްގައި ހުންނަ ކަލަރ ފިލްޓާސްގެ ބައި އޮޓޮމެޓިކުން ހުއްޓޭނެއެވެ. އެހެންކަމުން ކަލަރ ފިލްޓާސް ބޭނުންކުރާ މީހުން މި ދެ ފީޗާގެ ތެރެއިން އެއް ފީޗާއެއް އިޚްތިޔާރު ކުރަން ޖެހޭނެއެވެ.

މި އާ އަޕްޑޭޓުގައި ސްކްރީން ޓިންޓްގެ އިތުރުން، ބްލޫޓޫތު ގުޅުންތައް އަވަސްކުރުމާއި، މައިކްރޯސޮފްޓްގެ "ރިކޯލް" ފީޗާ އިތުރަށް ތަރައްގީކުރުމާއި، ސިސްޓަމްގެ ޕާފޯމަންސް ރަނގަޅުކުރުމުގެ ބައެއް އިސްލާހުތައްވެސް ހިމެނިފައިވެއެވެ.

ހިއްސާ ކުރައްވާ!