ޝަހީދު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން މަންދޫބަކު ބައިވެރިވާނެ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
އެމެރިކާއާއި އިސްރާއީލުން ދިން ޓެރަރިސްޓް ހަމަލާތަކެއްގައި ޚާމަނާއީ ޝަހީދު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މަރުހޫމްގެ ޖަނާޒާގެ ކަންކަން ކުރިން މާރިޗު މަހުގެ ތެރޭގައި ބޭއްވުމަށް އީރާނުން ނިންމި ނަމަވެސް، ސޮލީބީ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން އެކަން ކުރިއަށްދާ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް، މިހާރު ހަމަޖެހިފައިވާ ގޮތުން ރަސްމީ އިއްޒަތުގައި ބާއްވާ މި ބޮޑު ޖަނާޒާގެ ކަންކަން ޖުލައި މަހުގެ 4 ވަނަ ދުވަހު ފަށައި، އިމާމް ޚާމަނާއި ފަސްދާނުލުން އޮންނާނީ ޖުލައި 9 ވަނަ ދުވަހުއެވެ.
އީރާނުގެ ސަރުކާރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ރަސްމީ ދައުވަތު ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންނަށާއި، ޚާއްޞަކޮށް އިސްލާމީ ގައުމުތަކަށް ފޮނުވާފައެވެ. މިގޮތުން ދިވެހިރާއްޖެއަށް ލިބުނު ދައުވަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ރާއްޖެއިން އެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށާއި، އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރާއްޖޭގެ ޚާއްޞަ މަންދޫބަކު އީރާނަށް ވަޑައިގަންނަވާނެ ކަމަށެވެ.
މި ޖަނާޒާއަކީ ދުނިޔޭގެ ތާރީޚުގައިވެސް ރެކޯޑް އަދަދަކަށް މީހުން ބައިވެރިވާނެ ބޮޑު ރަސްމިއްޔާތަކަށް ވާނެ ކަމަށް ބެލެވެއެވެ.




