ރާ ބޮއެގެން ހުރެ ކަރަންޓު ހޮޅި ދަނޑިއަށް އެރުން ގޯސް

އިންޑިއާގައި މަސްތުގެ ހާލަތުގައި ހުރި މީހަކު، ކަރަންޓު ހުންނަ ހައި ވޯލްޓޭޖް ހޮޅިއަކަށް އެރުމަށްފަހު ކަރަންޓު ނަރުތަކުގެ މަތީގައި އޮށޯވެއްޖެއެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ މަހާރާޖްގަންޖް ޑިސްޓްރިކްޓްގައެވެ. މަސްތުގެ ހާލަތުގައި ހުރި އެ މީހާ އެރީ 11،000 (އެގާރަ ހާސް) ވޯލްޓްގެ ކަރަންޓު ހުންނަ ހޮޅިއަކަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ދީން ދަޔާލް ނަމަކަށް ކިޔާ އެ މީހާ ހޮޅިއަށް އެރި ޚަބަރު ފެތުރުމާއެކު، އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން އެ ތަނަށް އެއްވެ މަންޒަރު ބެލިއެވެ.

އެ ސަރަހައްދުގެ މީހުން ކިޔައިދިން ގޮތުގައި ދީން ދަޔާލްގެ ނަސީބު ވަރަށް ގަދައެވެ. ސަބަބަކީ އޭނާ އެ ހޮޅިއަށް އެރި ވަގުތާ ދިމާކޮށް އެ ސަރަހައްދުން ކަރަންޓު ކެނޑިފައި އޮތުމެވެ. އެކަމުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވިއެވެ.

ފުލުހުން ބުނި ގޮތުގައި، އެ މީހާ ކައިރީގައި ތިރިއަށް ފޭބުމަށް އެތައް ފަހަރަކު އެދުނު ނަމަވެސް އޭނާ އެކަމަކަށް އެއްބަހެއް ނުވިއެވެ. އެހެންކަމުން، ފުލުހުން ވަގުތުން އިންޖީނުގެއަށް ގުޅައި، ރެސްކިއު އޮޕަރޭޝަން ނިމެންދެން ކަރަންޓު ފޮނުވުން މަނާކުރިއެވެ. އަދި ފުލުހުންނާއި ރެސްކިއު ޓީމުން ކުރި ގިނަ މަސައްކަތްތަކަށްފަހު، އެ މީހާ ސަލާމަތްކަމާއެކު ބިމަށް ބޭލިއެވެ.

ހިއްސާ ކުރައްވާ!