ނަންބަރުގެ ބަދަލުގައި ޔޫޒަރނޭމް! ވަޓްސްއެޕުން އާ ޚާއްޞަ ފީޗަރއެއް

މެސެޖު ކުރުމަށް ދުނިޔޭގައި އެންމެ މަގޫބުލު އެޕްލިކޭޝަން، ވަޓްސްއެޕުން ކަސްޓަމަރުންގެ އަމިއްލަ ސިއްރުތައް ރައްކާތެރިކުރުމަށްޓަކައި އާ "ޔޫޒަރނޭމް" ފީޗަރއެއް ތައާރަފުކުރަން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

ވަޓްސްއެޕުން ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، ދެން ކަސްޓަމަރުންނަށް އެޕްލިކޭޝަން މެދުވެރިކޮށް އާއިލާއާއި، ރައްޓެހިން ނުވަތަ އެހެން މީހަކާވެސް ގުޅުން ބޭއްވުމަށްޓަކައި އަމިއްލަ ފޯނު ނަންބަރު ދޭާކަށް ނުޖެހޭނެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ވަޓްސްއެޕްގެ މި އާ ފީޗަރގެ އެހީގައި ކަސްޓަމަރުންނަށް އެ މީހުންގެ ފޯނު ނަންބަރު ސިއްރުކޮށްފައި ބެހެއްޓުމަށްޓަކައި އަމިއްލަ ޚާއްޞަ ޔޫޒަރނޭމެއް އިޚްތިޔާރު ކުރެވޭނެއެވެ.

ވޮޓްސްއެޕްގެ މައި ކުންފުނި، މެޓާއިން މިއަށް އިތުރު ތަފްސީލު ދެމުން ބުނީ، ފޯނު ނަންބަރު ފެންނަ މިންވަރު ލިމިޓްކުރުމުން، ވަޓްސްއެޕް ގްރޫޕަކަށް ވަންނައިރު ނުވަތަ އެހެން މީހަކަށް ނުވަތަ ކުންފުންޏަކަށް ފުރަތަމަ ފަހަރަށް މެސެޖެއް ކުރާއިރު، ކަސްޓަމަރުގެ ނަންބަރު އެހެން މީހުންނަށް އޮޓޮމެޓިކުން ފެންނާކަށް ނުހުންނާނެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކަސްޓަމަރަކު އެއްފަހަރު ޔޫޒަރނޭމެއް ހެދުމަށްފަހު، ދެން އެ މީހަކާ ވޮޓްސްއެޕުން ގުޅަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެޕްލައިކޮށްފައިވާ ސައްހަ ޔޫޒަރނޭމް އެނގުން މަޖުބޫރުވާނެއެވެ.

މެޓާއިން ކަސްޓަމަރުންނަށް އަންގާފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކޮޅުތަކުގައި ވަޓްސްއެޕް ބޭނުންކުރާ ގާތްގަނޑަކަށް 3 ބިލިއަން ކަސްޓަމަރުން އުޅެއެވެ. އެހެންކަމުން، ބައެއް ފަހަރު ކަސްޓަމަރުން ބޭނުންވާ އެންމެ ފުރިހަމަ ނަން ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން، އޮޅުވާލުމާއި މަކަރު ހެދުމުގެ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި، މަޝްހޫރު މީހުންނާއި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަންތައް އާންމު ކަސްޓަމަރުންނަށް ބޭނުން ނުކުރެވޭ ގޮތަށް މެޓާއިން ބްލޮކްކުރާނެއެވެ.

މި ފީޗަރގެ ސަބަބުން ކޮންޓެންޓް ކްރިއޭޓަރުންނަށާއި، ކުދި ވިޔަފާރިތަކަށް އަދި ބޮޑެތި ކުންފުނިތަކަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެއެވެ. ސަބަބަކީ އެ ފަރާތްތަކުން މިހާރު އިންސްޓަގްރާމް އަދި ފޭސްބުކްގައި ބޭނުންކުރާ ޔޫޒަރނޭމް، ވޮޓްސްއެޕްގައި ވެސް ސީދާ ބޭނުންކޮށްލެވޭނެތީއެވެ.

ހިއްސާ ކުރައްވާ!