ޕާކިސްތާނުގެ ލާހޫރުގައި ހަދަމުންދިޔަ އިމާރާތެއްގައި ހިންގަމުންދިޔަ އަމިއްލަ ޓިއުޝަން ސެންޓަރެއްގެ ފުރާޅު ވެއްޓި، 14 ކުދިން މަރުވެ، އިތުރު 20 ކުދިން ޒަޚަމްވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. އުމުރުން 7 އަހަރާއި 13 އަހަރާ ދެމެދުގެ މި ކުދިން ކްލާސްތަކުގައި ތިއްބައި ފުރާޅު ވެއްޓި، އެކުދިން ވަނީ އިމާރާތުގެ ދަށުގައި ތާށިވެފައެވެ.
ފުލުހުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ ތެރޭގައި އަންހެން ޓީޗަރަކުވެސް ހިމެނެއެވެ. އަދި އިމާރާތުގެ ދަށުގައި އިތުރު ބަޔަކު ތާށިވެފައިވޭތޯ ބެލުމަށް ރެސްކިއު ޓީމުތަކުން ދަނީ ހޯދަމުންނެވެ. ޕަންޖާބުގެ ޗީފް މިނިސްޓަރު މަރްޔަމް ނަވާޒް ވަނީ މި ހާދިސާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އެމީހުންނާ ދެކޮޅަށް ޖިނާއީ ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި ޑިސްޓްރިކްޓް އިދާރާތަކަށް އަންގަވާފައެވެ.
މި ހާދިސާ ހިނގާފައިވަނީ މީހުން ބޯކޮށް އުޅޭ ކަހްނާ ނާއު ސަރަހައްދުގެ އެކަޑެމީއެއްގައެވެ. ފުރާޅު ވެއްޓުނު ވަގުތު އެތަނުގައި 30 އަށްވުރެ ގިނަ ކުދިން ތިއްބެވެ. ލާހޫރުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ފައިސަލް ކަމްރާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިމާރާތުގެ އެ ބައިގައި މަސައްކަތްތެރިން މަސައްކަތް ކުރަމުން ދަނިކޮށް ފުރާޅު ވެއްޓުމާ ގުޅިގެން، އެ މަސައްކަތް ކުރަމުންދިޔަ ކޮންޓްރެކްޓަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެދީ ފައުންޑޭޝަނުން ބުނި ގޮތުގައި މަރުވި ކުދިންގެ ހަށިތައް މިހާރު ވަނީ ޖެނެރަލް ހޮސްޕިޓަލުގެ މޯގަށް ބަދަލުކުރެވިފައެވެ. އަދި ބައެއް ކުދިން އަދިވެސް އިމާރާތުގެ ދަށުގައި ތާށިވެފައި ތިބުމުން، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. ޒަޚަމްވި ކުދިންގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާއިރު، ޕްރޮވިންޝަލް ހެލްތު އޮތޯރިޓީން ވަނީ ލާހޫރު ޖެނެރަލް ހޮސްޕިޓަލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޒަޚަމްވި ކުދިންނަށް އަވަސް ފަރުވާ ދިނުމަށް ޑޮކްޓަރުންނާއި ނަރުހުންނަށް އަންގާފައެވެ.






