ދަރުޢާގެ ރަށްފުށުން ފެނުނު އިސްރާއީލުގެ ފޯނުގެ ސިއްރަކީ ކޮބައި؟

ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީން އާންމުކުރި ފޮޓޯތަކަކުން ހާމަވި ގޮތުގައި، އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން އާދިއްތަ ދުވަހު ސޫރިޔާގެ ހުޅަނގު ދަރުޢާގެ ރަށްފުށުގެ ސަރަހައްދަކަށް ވަދެގަތުމަށްފަހު، ތައްލުލްމަޣުރް ސަރަހައްދުން ފާބައިގެން ދިޔައިރު ބިމަށް ވައްޓާލާފައި އޮތް މޮބައިލް ފޯނެއް ވަނީ ފެނިފައެވެ.

އާދައިގެ ކަމެއްގެ ގޮތުގައި ފެށުނު މި ޙާދިސާ، ވަރަށް އަވަހަށް އިސްރާއީލުގެ މީޑިއާގެ ސަމާލުކަމަށް އައިސް، ސޫރިޔާގެ ދެކުނުގައި ޔަހޫދީ ސިފައިން ވަދެގަތުމާ ދެކޮޅަށް އެ ސަރަހައްދުގެ އާންމުން ކުރިމަތިލަމުންދާ ވަރު މިކަމުން ވަނީ ހާމަވެފައެވެ.

އިސްރާއީލުގެ މީޑިއާ ބުނެފައިވާ ގޮތުގައި، ސޫރިޔާގެ ރައްޔިތުންނަށް ފެނިފައިވަނީ ވަރަށް ސިއްރު މަޢުލޫމާތުތަކެއް ހިމެނޭ އަސްކަރީ ފޯނެކެވެ. އިސްރާއީލު ސިފައިންގެ ވެބްސައިޓްގައިވާ ގޮތުން މިއީ "އޮލާރ" ވައްތަރުގެ ފޯނެކެވެ. މިއީ ކުރިން ބޭނުންކުރި ކަރުދާސް ޗާޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށްޓަކައި، މީގެ މަދު އަހަރުތަކެއް ކުރިން ހަމައެކަނި އަސްކަރީ ބޭނުންތަކަށް ޚާއްޞަކޮށް ހަދާފައިވާ ސްމާޓްފޯނެކެވެ.

ހެކްކުރުމުން ރައްކާތެރިވުމަށްޓަކައި މި ފޯނު އިންޓަރނެޓާ ގުޅާލެވިފައި ނުވެއެވެ. ނަމަވެސް، އޭގެ ތެރޭގައި ޑިޖިޓަލް ޗާޓުތަކާއި، "ދުޝްމަނުންގެ" ބިމުގެ ތެރޭގައި ދަތުރުކުރާނެ މަގުތައް ދައްކާދޭ ޕްރޮގްރާމްތަކާއި، އަދި ހަނގުރާމައިގެ އޮޕަރޭޝަންތައް ބަލަހައްޓާ ނިޒާމުތައް ހިމެނެއެވެ.

މިކަމާ ގުޅިގެން އިސްރާއީލު ސިފައިންގެ ތަރުޖަމާނު ބުނީ، "މި ޙާދިސާ ގެ މައުލޫމާތު އެނގިފައިވާ ކަމަށާއި، އެކަން ތަޙުޤީޤުކުރަމުންދާ ކަމަށެވެ."

އިސްރާއީލުގެ "ޔެދިއޮތް އަހަރޮނޮތް" ނޫހުން ހާމަކުރި ގޮތުގައި، ފޯނު ގެއްލުމަކީ ހަމައެކަނި ވަކި ސިފައިންގެ މީހަކަށް ހެދުނު ގޯހެއް ނޫނެވެ. އެއީ ސޫރިޔާގެ ރައްޔިތުންގެ ރުޅިވެރިކަމާއި ފިއްތުންތަކުގެ ސަބަބުން، ހާސްކަމުގެ ތެރޭގައި ފަހަތަށް ޖެހެން މަޖުބޫރުވުމުން ހިނގި ކަމެކެވެ.

އިސްރާއީލުގެ ރިޒާވް ސިފައިންގެ މީހަކު ކިޔައިދިން ގޮތުގައި، ޙާދިސާ ފެށުނީ ތަލްކޫދްނާ ކައިރީގައި ތިބި ޖެނޮސައިޑް ސިފައިންނާ ދިމާއަށް ރުޅިގަދަވެފައިވާ އާންމުންގެ ގިނަ ބަޔަކު އެއްވެސް ބިރެއްނެތި ގާއުކަމުން އަންނަން ފެށުމުންނެވެ. އޭނާ އިތުރަށް ބުނީ، ސިފައިންނަށް މަޖުބޫރުވީ ފަހަތަށް ޖެހުމަށެވެ. އަދި އެ ހާސްކަމުގެ ތެރޭގައި އެކަކަށް އޭނާގެ ފޯނު ގެއްލުނީއެވެ.

އެ ސިފައިންގެ މީހާ ކަށަވަރުކޮށްދިން ގޮތުގައި، އަސްކަރީ ކޮމާންޑުން ވަނީ ދުރުގައި ހުރެގެން އެ ފޯނު ވަގުތުން ބްލޮކްކޮށްފައެވެ. އަނެއްކޮޅުން، ސޫރިޔާގެ ރައްޔިތުން ދަނީ އިސްރާއީލު ސިފައިން ފައްސާލުމަށް ބޭނުންކުރި ގާތަކުގެ ފޮޓޯތަކާއެކު، "މި ފަސްގަނޑަކީ އަރައިގަންނަ މީހުންނަށް އަމާން ތަނެއް ނޫން" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުޢޫރުތައް ފާޅުކުރަމުންނެވެ.

"އޮލާރ" ފޯނަކީ 2022 ވަނަ އަހަރުން ފެށިގެން އިސްރާއީލު ސިފައިންގެ ތެރޭގައި ބޭނުންކުރަން ފެށި ޑިޖިޓަލް ވަސީލަތެކެވެ. މިއީ މައުލޫމާތުގެ ރައްކާތެރިކަމަށްޓަކައި އާންމު މުވާސަލާތީ ނެޓްވޯކްތަކާ މުޅިން ވަކިކޮށްފައިވާ ފޯނެކެވެ.

މިއީ މައިދާނުގައި ހަރަކާތްތެރިވާ ކޮމާންޑަރުންނަށް ކޮންމެ ވަގުތަކުވެސް އާދެވޭ އެޗްޑީ ޑިޖިޓަލް ޗާޓުތައް ފޯރުކޮށްދޭ އެއްޗެކެވެ.

މި ނިޒާމު ތަރައްޤީކޮށްފައިވަނީ ޔަހޫދީ އަސްކަރީ އިންޓެލިޖެންސް ޑިޕާޓްމަންޓާއި ސައިބަރ ޑިފެންސް ގުޅިގެންނެވެ. އެއީ ހަނގުރާމައިގެ މައިދާނުގައި ވަގުތާއި ވަސީލަތްތައް ސަލާމަތްކޮށް، ޙަމަލާތައް ސީދާކުރުމަށްޓަކައެވެ. ކަރުދާސް ޗާޓުތައް މިހާރު ބޭނުންކުރަނީ ހަމައެކަނި ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ބެކަޕްގެ ގޮތުގައެވެ.

ފޯނު ގެއްލުނު ޙާދިސާ ހިނގާފައިވަނީ ހުޅަނގު ދަރުޢާގައި އިސްރާއީލުގެ ޙަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ސޫރިޔާގެ ރިޕޯޓްތައް ބުނާގޮތުން، އިސްރާއީލުގެ އަސްކަރީ 6 އުޅަނދެއް ވާދީ އައްރައްޤާދާ ދިމާއަށް ގޮސް ޖަމްލާ އަވަށަށް ވަދެގަތެވެ. އަދި ތައްލުލްމަޣުރްގައި ސްނައިޕަރުން ރުކުރުވާލައި، ދަނޑުބިންތަކަށް ބަޑީގެ ޙަމަލާތައް ދިނެވެ.

އިސްރާއީލު ސިފައިންގެ ތަރުޖަމާނު ބުނީ މިއީ ހަތިޔާރުއެޅި ބަޔަކު ނައްތާލުމަށް "ސަލާމަތީ ސަރަހައްދުގައި" ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް، ސޫރިޔާގެ ޚާރިޖިއްޔާއިން ވަނީ ސޫރިޔާގެ ޤުނައިޠިރާ އަދި ދަރުޢާ ޕްރޮވިންސަށް އިސްރާއީލުން ވަދެގަނެ، އާންމުން ބިރުގަންނަވަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އިސްރާއީލުން ދަނީ 1974 ވަނަ އަހަރުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، ސޫރިޔާގެ ދެކުނަށް ވަދެގަނެ، އާންމުން ހައްޔަރުކޮށް، މުދާ ހަލާކުކޮށް އަދި ދަނޑުބިންތައް ހަލާކުކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް