ޗައިނާގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑަކަށް އާޓިފިޝަލް އިންޓެލިޖެންސް ކިޔަވައިދެނީ

ޗައިނާގެ ސްކޫލުތަކުގެ ހުރިހާ ގްރޭޑެއްގައި ވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކިޔަވައިދިނުމަށް ޗައިނާ ސަރުކާރުން ރަސްމީ ޕްލޭނެއް އިއުލާނުކޮށްފިއެވެ. އެމެރިކާގެ ބްލޫމްބާގް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި، މިއީ ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމަކަށް ވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

މި ޕްލޭންގެ ދަށުން، ދަރިވަރުންގެ އޭއައި ޤާބިލުކަން އިތުރުކުރުމާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް ތަރައްޤީ ކުރުމަށް އިސްކަންދޭނެއެވެ. ޗައިނާގެ ކޮންމެ ދަރިވަރަކަށް ވެސް އޭއައި އަކީ އަސާސީ ޤާބިލުކަމަކަށް ހެދުމަކީ މި ޕްލޭންގެ މައިގަނޑު އެއް އަމާޒެވެ.

މިކަމުގެ ސަބަބުން، ޓެކްނޮލޮޖީގެ އެކި ދާއިރާތަކުން ހުނަރުވެރި މީހުން އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. ހަމައެއާއެކު، އޭއައިގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޗައިނާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން މަސައްކަތް ކުރަމުންދެއެވެ. ޚާއްޞަކޮށް، އޭއައި ބޭނުންކޮށްގެން މުވައްޒަފުން ވަޒީފާއިން ވަކިކުރުން ޗައިނާގެ ކޯޓުތަކުން މިހާރު ވަނީ މަނާކޮށްފައެވެ.

ޗައިނާ ޑެއިލީން ހާމަކުރާ ގޮތުގައި، ޗައިނާގެ 19 ސަރަޙައްދެއްގެ 530،000 މުދައްރިސުންގެ މެދުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، 85% މުދައްރިސުން ޤަބޫލުކުރާ ގޮތުގައި އޭއައިގެ ސަބަބުން ތަޢުލީމީ ވަސީލަތްތައް އިތުރުވެއެވެ. އަދި 81% މުދައްރިސުން ބުނާ ގޮތުގައި ފިލާވަޅުތައް ތައްޔާރުކުރުމަށް ހޭދަވާ ވަގުތު އޭއައިގެ ސަބަބުން ސަލާމަތްވެއެވެ.

  • ބެއިޖިންގ: ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލުގެ ކޮންމެ ދަރިވަރަކު ވެސް ކޮންމެ އަހަރަކު މަދުވެގެން 8 ގަޑިއިރު އޭއައި ކިޔަވަން ޖެހެއެވެ.

  • ސްޕޯޓްސް: ޝެންޔަންގ ގެ ސްކޫލެއްގައި، ކުޅިވަރު ކުޅޭއިރު ދަރިވަރުންގެ ހިތުގެ ވިންދާއި، ކަސްރަތުގެ މިންވަރު ބެލުމަށް އޭއައިގެ "ކޮމްޕިއުޓަރ ވިޝަން" ޓެކްނޮލޮޖީ ބޭނުންކުރެއެވެ.

  • ކިޔެވުން: ދަރިވަރުން އަމިއްލައަށް އޭއައި ބޭނުންކޮށްގެން ހިސާބު ފިލާވަޅުތައް ހައްލުކުރުމުގެ ފުރުސަތު މިހާރު ލިބިފައިވެއެވެ.

މިކަމާ ގުޅޭގޮތުން ބެއިޖިންގ ނޯމަލް ޔުނިވަރސިޓީގެ ޕްރޮފެސަރ ޔޫ ޝިންގޝުއާން އިންޒާރު ދެއްވަނީ، ކުދިންގެ ވިސްނުމާއި ފިކުރު ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އޭއައިއާ ހަވާލުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އެގޮތަށް ޓެކްނޮލޮޖީއަށް މާބޮޑަށް ބަރޯސާވުމުން، ކުދިންގެ ބުއްދި ތަރައްޤީވުމުގެ މުހިންމު މަރުޙަލާގައި ވިސްނުމުގެ ނުކުޅެދުންތެރިކަމެއް އުފެދިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!