ފިންލެންޑުން ލޭންޑްލައިން ފޯނުގެ ޒަމާން ނިންމާލައިފި

ފިންލެންޑުގައި 140 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ބޭނުންކުރަމުން އައި ލޭންޑްލައިން ފޯނުގެ ޚިދުމަތް ރަސްމީކޮށް ނިންމާލައިފިއެވެ. މިއަދު ހެނދުނުން ފެށިގެން ފިންލެންޑުގެ ހުރިހާ ލޭންޑްލައިން ފޯނުތަކެއް ވަނީ ކަނޑާލައި، އެ ޚިދުމަތް ދާއިމީކޮށް ހުއްޓާލާފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ ފިންލެންޑުގެ މުވާސަލާތީ ކުންފުންޏެއް ކަމަށްވާ "އީލީސާ" އިން އެ ޤައުމުގެ ލޭންޑްލައިން ނެޓްވޯކް ދާއިމީކޮށް ބަންދުކުރަން ނިންމުމާ ގުޅިގެންނެވެ. މިއީ އެ ކުންފުނީގެ އަމިއްލަ ފަރުދުންގެ އިތުރުން ވިޔަފާރިތަކަށް ވެސް ދެމުން އައި ޚިދުމަތެކެވެ. މީގެ ކުރިން "ޓީލިއާ" އިން 2019 ވަނަ އަހަރު މި ޚިދުމަތް ހުއްޓާލާފައިވާއިރު، "ޑީއެންއޭ" ކުންފުނިން ވަނީ މި އަހަރުގެ ކުރީކޮޅު ލޭންޑްލައިން ނެޓްވޯކްތަކަށް ދެމުން އައި ސަޕޯޓު ކަނޑާލާފައެވެ.

ފިންލެންޑުގައި 1880 ގެ އަހަރުތަކުން ފެށިގެން ލޭންޑްލައިންގެ ޚިދުމަތް އައިސްފައިވާއިރު، އެ ޒަމާނުގައި ފިންލެންޑުގެ ރައްޔިތުންނަކީ މި ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ލޯބިކުރި ބައެކެވެ. 1960 ގެ އަހަރުތަކާ ހަމައަށް އައިއިރު، ލޭންޑްލައިން ފޯނު ބޭނުންކުރާ މިންވަރަށް ބަލާއިރު ފިންލެންޑު އޮތީ ޔޫރަޕުގެ 7ވަނައިގައެވެ. އަދި 1990 ގެ އަހަރުތަކުގެ ކުރީކޮޅު ފިންލެންޑުގެ ގޭބިސީތަކުގައި ލޭންޑްލައިން ފޯނު ބޭނުންކުރާ މިންވަރު އެންމެ މައްޗަށް ދިޔައެވެ.

ނަމަވެސް، މޮބައިލް ފޯނުގެ އީޖާދުތަކާއެކު މި ޚިދުމަތް ދަށްވާން ފެށިއެވެ. ޚާއްސަކޮށް ފިންލެންޑުގެ ކުންފުންޏެއް ކަމަށްވާ "ނޯކިއާ" އިން މޮބައިލް ފޯނުގެ ދުނިޔޭގައި ދުނިޔޭގެ ރެކޯޑުތައް ހެދުމާއެކު، ލޭންޑްލައިން ފޯނަކީ މާޒީގެ ބައެއްގެ ގޮތުގައި ވެގެން ދިޔައީއެވެ.

ހިއްސާ ކުރައްވާ!