ޢަލީ ޚާމަނާއީ ޝަހީދުކޮށްލިތާ 488 ދުވަސް ފަހުން، ޖަނާޒާ

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައިގެ ފުރަތަމަ ދުވަހު ޝަހީދު ކޮށްލި އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލިތާ 488 ދުވަސް ފަހުން، އެ މަނިކުފާނުގެ ހަށިކޮޅާ ގުޅޭގޮތުން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވާހަކަ ދައްކައިފިއެވެ.

ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ ކޮމިޓީއާ ގާތްގުޅުމެއް އޮންނަ ފަރާތްތަކުން ބުނާ ގޮތުގައި، ޚާމަނާއީ އާއި އެ މަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅުތައް މިހާތަނަށް ވެސް ރައްކާތެރިކަމާއެކު ބަހައްޓާފައިވަނީ ވަރަށް އިހްތިރާމާ އެކުގައެވެ. އަދި މިހާތަނަށް އެ ބޭފުޅުން ފަސްދާނުލެވޭ ކަމަށާއި، "ވަދީއަތް" ނުވަތަ ވަގުތީ ގޮތުން ފަސްދާނުލުމުގެ އުސޫލުން ވެސް ފަސްދާނުލާ ކަމަށް އެ ފަރާތްތަކުން ކަށަވަރުކޮށްދެއެވެ.

"ވަދީއާ" ކުރުމަކީ ހަނގުރާމަ ނުވަތަ ކާރިސާތަކުގެ ސަބަބުން އާއިލާތަކަށް މައްޔތުން އެމީހުންގެ އަސްލު ވަޒަނަށް ނުދެވޭ ހާލަތްތަކުގައި، ވަގުތީ ގޮތުން ރައްކާތެރި ތަނެއްގައި ބޭއްވުމަށް ކުރާ ކަމެކެވެ.

"ޝަހީދު އިސްލާމީ އިންޤިލާބުގެ ލީޑަރުގެ ޖަނާޒާ" ކޮމިޓީގެ ތަރުޖަމާނު އީމާން އައްތާރު ޒާދޭ ވިދާޅުވީ، ޚާމަނާއީގެ ހަށިކޮޅު މިހާތަނަށް ފަސްދާނުލެވި ވަނީ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އަދި ޝަރުޢީ އަދި ޤާނޫނީ ހުރިހާ މިންގަނޑުތަކަކަށް ފެތޭ ގޮތަށް ހަށިކޮޅުތައް ރައްކާތެރިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައަކީ ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދުނު މައްސަލައެކެވެ. އެއީ "ވަދީއާ" ކުރުމުގެ ޝަރުޢީ އަސްލެއް ނެތް ކަމަށް ބައެއް ބޭފުޅުން ދެކޭތީއެވެ.

އީރާނާއި ޢިރާޤުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ތައްޔާރުވަމުންދަނީ ބޮޑު ޖަނާޒާއަކަށެވެ. ޖުލައި މަހުގެ ކުރީކޮޅު ތެހްރާނުން ފެށޭ މި ޖަނާޒާގެ ރަސްމިއްޔާތުތައް ޤުމް އަށް ބަދަލުވާނެއެވެ. އެއަށްފަހު، ޢިރާޤުގެ ނަޖަފް އާއި ކަރުބަލާގައި ވެސް ހާއްސަ ރަސްމިއްޔާތުތަކެއް ބޭއްވުމަށްފަހު، އެންމެ ފަހުން ފަސްދާނުލުން އޮންނާނީ އީރާނުގެ މަޝްހަދުގައެވެ.

މި ޖަނާޒާގައި ޚާމަނާއީ އާއެކު ހަމަލާގައި ޝަހީދު ކޮށްފައިވާ އާއިލާގެ އެހެން މެންބަރުންގެ ވެސް ޖަނާޒާ ބާއްވާނެއެވެ. މިކަމާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ވިދާޅުވީ، ޚާމަނާއީގެ ޖަނާޒާގައި ބައިވެރިވުމަށް ޔޫރަޕްގެ އެއްވެސް އޮފިޝަލަކަށް ދައުވަތު ފޮނުވާފައި ނުވާނެ ކަމަށެވެ. އަދި އެމީހުންގެ ބައިވެރިވުންވެސް ބޭނުން ނުވާ ކަމަށެވެ.

ހިއްސާ ކުރައްވާ!