ޗައިނާގެ އާ ޤާނޫނާ ދެކޮޅަށް ޓިބެޓްގެ ހަރަކާތްތެރިން ބައިނަލްއަޤްވާމީ ފެންވަރުގައި އަޑުއުފުލައިފި

ޓިބެޓްގެ އައިޑެންޓިޓީ ނައްތާލުމަށް ޗައިނާއިން ތަންފީޒުކުރަން ފެށި އާ ޤާނޫނާ ދެކޮޅަށް، ޓިބެޓްގެ ހަތަރު ބޮޑު ޖަމިއްޔާއެއް ގުޅިގެން މިއަދު ބައިނަލްއަޤްވާމީ ފެންވަރުގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ. ޖުލައި މަހުގެ 1 ވަނަ ދުވަހު ޗައިނާގެ "ލޯ އޮން ޕްރޮމޯޓިން އެތުނިކް ޔުނިޓީ އެންޑް ޕްރޮގްރެސް" ކަމަށްވާ ނަސްލީ އެއްބައިވަންތަކަމާއި ކުރިއެރުމާ ބެހޭ ޤާނޫނު ތަންފީޒުކުރަން ފެށުމަކީ ޓިބެޓްގެ ދިރިހުރުމަށް ކުރިމަތިވި ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް ހަރަކާތްތެރިން ބުނެއެވެ.

ހަރަކާތްތެރިން ބުނާ ގޮތުގައި، މި ޤާނޫނުގެ ނަމުގައި ވަނީ ޓިބެޓްގެ ބަހާއި، ސަގާފަތާއި އަދި އެ މީހުންގެ އަމިއްލަވަންތަކަން ފޮހެލުމަށް ޤާނޫނީ ހައިސިއްޔަތު ދީފައެވެ. މިއަދުން ފެށިގެން ޓިބެޓް ބަހުން ވާހަކަ ދެއްކުމާއި، ސަގާފީ އާދަކާދަތައް ހިފެހެއްޓުމާއި، އަމިއްލަ މިނިވަން އައިޑެންޓިޓީއެއް ހާމަކުރުމަކީ ޤައުމީ އެއްބައިވަންތަކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި، އެކަމަށް ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.

ޓިބެޓަން ވިމެންސް އެސޯސިއޭޝަންގެ ހަރަކާތްތެރިޔާ ޓެންޒިން ޔިންގްސެލް ބުނީ، މި ޤާނޫނު ތަންފީޒުކުރުމާ ދެކޮޅަށް ދުނިޔޭގެ ލީޑަރުން ވަގުތުން ތެދުވެ، މި ޤާނޫނު އުވާލުމަށް ގޮވާލަން ޖެހޭ ކަމަށެވެ. އަދި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ޤާނޫނަކީ ޗައިނާއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާ ޚިލާފު އެއްޗެކެވެ.

ޖުމްލަ 62 މާއްދާގެ މައްޗަށް އެކުލެވޭ މި ޤާނޫނީ އޮނިގަނޑަކީ ޓިބެޓްގެ މީހުން ޗައިނާގެ އަޣުލަބިއްޔަތުގެ ތެރެއަށް ގަދަކަމުން ވެއްދުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. ސްޓޫޑެންޓްސް ފޯ އަ ފްރީ ޓިބެޓްގެ ޑިރެކްޓަރު ޓެންޒިން ޕަސަންގް ވިދާޅުވީ، މިއީ ހަމައެކަނި ސިޔާސީ ކެމްޕޭނެއް ނޫން ކަމަށާއި، މިއީ މުޅި ޓިބެޓްގެ ސަގާފީ ހަޟާރަތު ނިމުމަކަށް ގެނައުމަށް ޤާނޫނީ ގޮތުން ކަނޑައެޅި އަމުރެއް ކަމަށެވެ. އަދި މިހާރު ފިޔަވަޅު ނާޅައިފިނަމަ، އެއް ޖީލުގެ ތެރޭގައި ޓިބެޓްގެ އައިޑެންޓިޓީ މުޅިން ފޮހެވިގެން ހިނގައިދާނެ ކަމަށް އޭނާ އިންޒާރު ދިނެވެ.

ހިއްސާ ކުރައްވާ!